ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން!


  • އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން

  • އެވްރެޖްކޮށް ދުވާލަކު 8000 ފަތުރުވެރިން އާދޭ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.5 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 418،034 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 381،870 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %9.5 އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:

• ޗައިނާ: 67،185 ފަތުރުވެރިން
• ރަޝިއާ: 46،636 ފަތުރުވެރިން
• އިޓަލީވިލާތް: 40،345 ފަތުރުވެރިން
• އިނގިރޭސިވިލާތް: 38،162 ފަތުރުވެރިން
• ޖަރުމަނުވިލާތް: 24،980 ފަތުރުވެރިން

މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 283،272 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ 111،390 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 8000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ. ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 416،969 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އަދި 1065 ފަތުރުވެރިން ރާއްޖެ އައީ ކަނޑުމަގުންނެވެ.