ޚަބަރު

ސްކޫލުތަކާއި ހޮސްޕިޓަލް ސަރަހައްދުތަކުގެ ޓްރެފިކް ނިޒާމު ހަރުދަނާ ކުރަން ފިޔަވަޅުތަކެއް އަޅައިފި


އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ފަށަން ނިންމައިފިއެވެ.

މި ބަދަލު ގެންނަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުންނެވެ. މިކަމާ ގުޅިގެން އިގުތިޞާދީ ތަރައްޤީއާ ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ވިދާޅުވީ، މިއަދުން ފެށިގެން 7 ދުވަހުގެ ފަހުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާތައް އަދާކުރަން ފަށާނެ ކަމަށެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، ޤަވާޢިދާ ޚިލާފުވެގެން ފިޔަވަޅު އެޅޭ ފަރާތްތަކަށް އެ މަޢުލޫމާތު އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ޙިއްޞާކުރާނެ ކަމަށެވެ. އެހެންކަމުން އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ސީދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރު ބޭނުންކުރާ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ސިމްސް ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ އަދި ހުޅުމާލޭގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އެޅުމުގައި ފުރަތަމަ މަރުޙަލާގައި ޚާއްޞަ އިސްކަމެއް ދީގެން ބަލާނެ ސަރަޙައްދުތަކާއި މަގުތައްވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލުތަކާއި، ސްކޫލުތައް ހުންނަ ސަރަޙައްދުތަކާއި، ކަފިހި ހުރަސްތަކުގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތަކަށް ޚާއްޞަކޮށްފައިވާ ސްލޮޓުތައް ހުންނާނެ ކަމަށެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މާލޭގެ މައި މަގުތަކުގެ ތެރެއިން މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގ ރޯޑް)ގައި ޤަވާޢިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އަޅާނެއެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގު އަދި ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގުގައި މި ނިޒާމު ތަންފީޒުކުރަން ވަނީ ހަމަޖެހިފައެވެ.