ޚަބަރު

ހަކަތައިގެ މަޝްރޫޢުތަކާއެކު ތެލަށް ކުރާ ޚަރަދު ކުޑަކުރެވޭނެ!


  • ޑީސަލް އިމްޕޯޓް ކުރުމަށް އަހަރަކު އެވްރެޖްކޮށް 443.6 މިލިޔަން ޑޮލަރު ޚަރަދުވޭ

  • ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒު

ރާއްޖޭގެ އިޔާދަކުރަނި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަބަބަކީ ކަރަންޓު އުފެއްދުމަށް ރާއްޖެއަށް އިމްޕޯޓްކުރާ ޑީސަލްއަށް ކުރާ ޚަރަދު މަދުކުރުމެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަކަތައިގެ ދާއިރާއިން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖެއިން ޑީސަލް އިމްޕޯޓް ކުރުމަށް އަހަރަކު އެވްރެޖްކޮށް 443.6 މިލިޔަން ޑޮލަރު ޚަރަދު ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރެއިން ބޮޑުބަޔަކީ ކަރަންޓް އުފެއްދުމުގެ ބޭނުމަށް އެތެރެކުރެވޭ ތެލަށް ކުރަންޖެހޭ ޚަރަދެވެ.

ހަކަތަ އުފެއްދުމުގައި، ޑީސަލަށް ބަރޯސާވެފައި އޮތް އޮތުމަކީ، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ނުވަތަ "އެނަރޖީ ސެކިއުރިޓީ" އަށް އޮތް އެންމެ ބޮޑު ގޮންޖެހުމެކެވެ. މިކަން ޙައްލުކުރުމަށްޓަކައި، އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިސްބަތް، 2028 ވަނަ އަހަރުގެ ނިޔަލަށްދާއިރު، %33 އަށް މަތިކުރުމަށް ކްލައިމެޓް މިޓިގޭޝަން ސިޔާސަތާ އެއްގޮތަށް ނަތީޖާ ނެރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. މިކަމަކީ، ވޭތުވެދިޔަ ސަރުކާރުތަކުން އެކަށީގެންވާ ގޮތެއްގައި ސަމާލުކަން ދީފައިވާ ކަމެއްނޫނެވެ.

މި ސަރުކާރު ފެށުނުއިރު، އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުންދިޔަ މިންވަރު ހުރީ އެންމެ %4 ނުވަތަ 53 މެގަވޮޓުގައެވެ. އެހެންނަމަވެސް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މި އަދަދު 110 މެގަވޮޓަށް އިތުރުކޮށްފައިވާއިރު ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ނިޔަލަށް މި އަދަދު ދެގުނަކޮށް، ޖުމުލަ 220 މެގަވޮޓަށް އިތުރުކުރުމެވެ. މިއީ 2028ގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ %33 އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ހިފައިފައިވާ އަމާޒުގެ %50 ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގައި ކަރަންޓު އުފައްދުމަށް ޑީސަލް އެތެރެކުރާ މިންވަރު މަދުކުރުމަށް އެންމެ މުހިންމު މަސައްކަތްތަކެއް ކުރަނީ ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކެވެ. އެގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް ކަރަންޓު ފޯރުކޮށްދޭ ދެ ކުންފުނި ސްޓެކްލޯ އަދި ފެނަކައިންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ކުންފުނިތަކުން ޚިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތައިގެ މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ދުވާލު ގަޑީގައި ބޭނުންކުރާ ހަކަތައިގެ އެންމެ މަތީ މިންވަރަށް ކަރަންޓު އުފެއްދޭ ވަރަށް މިހާރުވެސް ވަނީ އިއާދަކުރަނިވި ހަކަތަ ނިޒާމު ޖަހާފައެވެ. އަވިން ހަކަތަ އުފައްދާ ނިޒާމުތަކުގެ އިތުރުން، ވަޔާއި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ހަކަތަ އުފެއްދޭތޯ ބެލުމުގެ ތަޙުލީލުތަށްވެސް ރާއްޖޭގަ އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީންވެސް އެ ކުންފުނީގެ ގިނަ މަޝްރޫއުތަކެއް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރާއްޖޭގައި އުފައްދާ ކަރަންޓުގެ %33 އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ތެލަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަ ކުރެވިގެންދާނެކަމެކެވެ. އަދި ޑީސަލް އެތެރެކުރުމަށް އަހަރުން އަހަރަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަ ކުރެވިގެންދާނެކަަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގައި ހަކަތަ އުފައްދާ ވަސީލަތްތައް ސިންދަފާތު ކުރުމުގެގޮތުން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ތަފާތު ގިނަ މަޝްރޫޢުތައް، މާލެ ސަރަޙައްދުގައާއި، ރާއްޖޭގެ އެކި ސިޓީތަކާއި ރަށްރަށުގައި މި އަހަރު ކުރިއަށް ގެންދިޔުމަށް ވާނީ ނިންމާފައެވެ. މި މަޝްރޫޢުތައް ވެގެންދާނީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ބޭރު ފައިސާ ބޭނުންވާ މިންވަރު ދަށްކުރުމަށް މަގުފަހިކޮށްދޭ ފިޔަވަޅުތަކަކަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.