އަމާޒަކީ ބައިނަލްއަޤްވަމީ މިންގަނޑުތަކަށް ފެތޭ ދަތުރު ފަތުރުގެ ނިޒާމެއް ޤާއިމްކުރުންކަމަށް ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދ. އަތޮޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ ގުޅިގެންނެވެ. މި ޚިދުމަތް ދެނީ އެމްޓީސީސީ މެދުވެރިކޮށެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ދ. އަތޮޅާއި ފ. އަތޮޅުގައި ފެށިގެންދާ ހައިސްޕީޑް ފެރީގެ ޚިދުމަތަކީ ރައީސް ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުންވާ ތަސައްވަރު ހާމަވާކަމެއްކަމަށް ވިދާޅުވިއެވެ. އަދި މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް މިކަމަށް އަލިއަޅުއްވާލައްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރިއަތް އޮތް 6 މަސްތެރޭގައި ހައިސްޕީޑުގެ ފެރީގެ ޚިދުމަތް ފެށިގެންދާނެކަމަށެވެ.
ހައި ސްޕީޑުގެ ފެރީގެ ޚިދުމަތަކީ މިހާރުވެސް ރާއްޖޭގެ 12 އަތޮޅެއްގައި 123 ރަށެއްގައި ފޯރުކޮށްދެމުންދާ ޚިދުމަތެއްކަން ވަޒީރު ވިދާޅުވިއެވެ. އަދި އަލަށް ފެށުނު 2 އަތޮޅާއެކު އިތުރު 11 ރަށް އިތުރުވެންދާނެކަަމށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުމަށް ނޫންކަމަށެވެ. އަދި އަމާޒަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އިތުބާރު ހިފޭ ކަނޑުދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުންކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ ޖަޒީރާ ރަށްތަކަކީ ވަކި ކޮށްދޭ ހުރަހަކަށް ވެގެންނުވާނެ. އޭގެ ބަދަލުގައި އެއީ ގުޅުވައިދޭ މަގުތަކަކަށް ވާން ޖެހޭނެ. މިފެށޭ ދ އަދި ފ އަތޮޅުގެ ރަށްތައް ގުޅުވާލަދޭ ޚިދުމަތްތަކުން މިއީ އެއްއާއިލާ އެއްފަދައިން ގުޅުވާލަދޭނެ ޚިދުމަތެއް. ރައީސްގެ ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ދަތުރު ފަތުރު ނިޒާމެއް ޤާއިމްކުރާކަަށް ނޫން. އަމާޒަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި އިތުބާރިހޭ ކަނޑުދަތުުރުފަތުރުގެ ނިޒާމެއް ޤާއިމްކުރުން" ވަޒީރު ވިދާޅުވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ހައި ސްޕީޑް ފެރީގެ މަޝްރޫޢަކީ ސަރުކާރުން ހިނގައި މަޝްރޫއުތަކުގެ ތެރެއިން ރައްޔިތުންގެ ބޭނުންތަކާއި އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫއުކަމަށެވެ. އެގޮތުން މިކަމަކީ ސަރުކާރުން ވަރަށް ބޮޑަށް ސަބްސިޑައިޒްކޮށް ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތެއްކަން ފާހަގަކުރެއްވިއެވެ.