ޚަބަރު

މިސްކިތްތަކަށް ގެއްލުންދިނުން ޓެރަރިޒަމްގެ އަމަލަކަށް ހަދަންޖެހޭ: މެންބަރުން


  • ބިލަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ތާއީދު ލިބޭނެ

  • ބިލުގެ މަސައްކަތް އަވަސްކުރުމަށް މެންބަރުން އެދިވަޑައިގެންނެވި

މިސްކިތްތަކަށް ގެއްލުންދިނުން ޓެރަރިޒަމްގެ އަމަލަކަށް ހަދަން ހުށަހެޅި އިސްލާހަށް ތާޢީދު ކުރާ ކަމަށާއި އެއީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި މުހިންމު ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހެދުމަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ. މިއަދުގެ ޖަލްސާގައި ވަނީ މެންބަރުންގެ އިއްތިފާޤުން މި ބިލު މަޖިލީހަށް ބަލައިގެންފައެވެ.

ބިލު ހުށަހަޅުއްވައި މެންބަރު ވިދާޅުވީ މިއީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި ބަޔާންކޮށްފައިވާއިރު މިސްކިތްތަކަށް ގެއްލުން ދިނުމުގެ އަމަލުތައް އިތުރުވަމުންދާތީ މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމުގެ ގޮތުން އެފަދަ އަމަލުތައް ހުއްޓުވުމަށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އަދި މި ބިލުގެ ސަބަބުން މިސްކިތްތަކަށް ލިބިދޭންޖެހޭ ލޯތްބާއި އިޙްތިރާމާއި ރައްކާތެރިކަން ލިބިގެންދާނެކަމަށްވެސް މެންބަރު އިބްރާހިމް މުޙައްމަދު ވިދާޅުވިއެވެ.

"މިސްކިތްތަކަށް ގެއްލުންދޭ ކޮންމެ ފަހަރަކު އެމީހަކީ ބުއްދިގޯސް މީހަކަށްވެފައި އެކަމުން ސަލާމަތްވުމުގެ ޖާގަ މި އޮންނަނީ ވަރަށް ފުޅާކޮށް. މިިކަން އަޅުގަނޑުމެން ހުއްޓުވަންޖެހޭ. ބުއްދި ގޯސް މީހާ ގެއްލުންދޭ ހަމައެކަނި ތަނަކީ މިސްކިތްތައް ކަމަށްވަންޏާ އެއީ ވަރަށް ބޮޑު ޖޯކެއް. މިސްކިތްތަކަކީ ރައްކާތެރިތަނަކަށް ވާންޖެހޭނެ،" ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ވިދާޅުވިއެވެ.

ބިލަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ އަދުގެ ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރާއްޖޭގައި އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ވެރިއެއް ކަމަށާއި އެހެންވެ މިފަދަ ބިލުތަކަށް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި މި ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި އަވަސްކޮށް، ވީހާވެސް އަވަހަށް ބިލު ފާސްކުރުމަށް ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

"މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ކަނޑައަޅަން މި ހުށަހަޅާފައިވާ އިސްލާހަކީ ހަގީގަތުގައި އަޅުގަނޑުމެން މި ސަރުކާރުން މިއަށް ތާއީދު ކުރާނެ. އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަކީ މިހާތަނަށް ދިވެހިރާއްޖޭގެ މި އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވާ ރައީސް،" އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވިއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހަށް، ބަހުސް ކުރެއްވި ހުރިހާ މެންބަރުންވެސް ވަނީ ތާޢީދުކުރައްވާފައެވެ. އަދި ވީހާވެސް އަވަހަށް ބިލުގެ މަސައްކަތް ނިންމައި، އިސްލާހު ފާސްކުރުމަށް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި މިހާރު 7 ކަމެއް ވަނީ ހިމަނުއްވާފައެވެ. އެއީ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުމާއި ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ ޞިއްޙަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ޙާލަތެއް ކުރިމަތިކުރުވުމުގެ އިތުރުން މުހިންމު ޢުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ޚިދުމަތެއް މެދުކަނޑުވާލުމެވެ.

މި ޤާނޫނުގައި މަނާކޮށްފައިވާ އަމަލެއް ކޮށްފި މީހަކަށް 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލުހުކުމެއް ކަނޑައަޅާފައިވާއިރު އެފަދަ އަމަލެއް ކުރުމަށް އެހީތެރިވާ މީހަކަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ވަނީ ކަނޑައަޅާފައެވެ.