ޚަބަރު

އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ 400އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށް


  • ފެނާއި ނަރުދަމާއާއި ބަނދަރު ހެދުމާއި މަގު ހެދުމުގެ ގިނަ މަސައްކަތްތަކެއް

  • އަވަސްކުރުމަށް ބޮޑުހިލައިގެ ބަލްކް ޝިޕްމަންޓް ގެނައުމުގެ މަސައްކަތް ފަށައިފި

  • ޕްރޮޖެކްޓްތަކަށް ގިނަ މެޝިނަރީތަކެއް ގެނައުމުގެ މަސައްކަތް ކުރިއަށް

މުޅި ރާއްޖެއަށް ބަލާއިރުވެސް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ތަފާތު އެކި ދާއިރާކުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތައް އަވަސްކޮށް، އެކުއެކީގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ބޮޑުހިލަ ބަލްކްކޮށް ގެނެސް، ރާއްޖޭގައި ސްޓޮކްޕައިލް ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި، ކުންފުނިތައް ގުޅިގެން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައިވެސް ވަނީ ވިދާޅުވެފައެވެ.

ހަމައެކަނި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ޢުމްރާނީ ތަރައްޤީގެ 400އެއްހާ މަޝްރޫޢު މިހާރުވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ ރާއްޖޭގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަސައްކަތްތަކުގެ ތަފްސީލްތައް ޙިއްސާކުރައްވާފައެވެ.

ބަނދަރު ތަރައްޤީކުރުން:

• 14 މަޝްރޫޢެއް ނިމިފައި
• 33 މަޝްރޫޢެއްގައި މިދިޔަ އަހަރު ސޮއިކުރި
• 102 މަޝްރޫޢަކާ ގުޅޭ މަސައްކަތްތައް ކުރިއަށްދޭ
• 16 މަޝްރޫޢެއް މިއަހަރު ހަވާލުކުރާނެ
• 19 މަސް ދުވަސްތެރޭ މަސައްކަތްތައް ނިންމާ ހަވާލުކުރާނެ

"މަޝްރޫޢުތައް އަވަސްކުރުމާއި ޚަރަދު ކުޑަކުރުމުގެ ގޮތުން، މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ބަލްކްކޮށް ގެނެސް، ރާއްޖޭގައި ސްޓޮކްޕައިލް ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން ވަނީ ފަށާފައި." ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.

މަގު ހެދުމުގެ މަޝްރޫޢު:

• 6 މަޝްރޫޢެއް ނިމިފައި
• 57 މަޝްރޫޢެއްގައި މިދިޔަ އަހަރު ސޮއިކުރި
• 97 މަޝްރޫޢުއަކާ ގުޅޭ މަސައްކަތްތައް ކުރިއަށްދޭ
• 13 މަޝްރޫޢެއް މިއަހަރު ހަވާލުކުރާނެ
• 110 މަޝްރޫޢެއް އެކި މަރުހަލާގައި ކުރިއަށް
• 22 މަސް ދުވަސްތެރޭ މަސައްކަތްތައް ނިންމާ ހަވާލުކުރާނެ

މަގު ހެދުމުގައި، ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ގިނަ ރަށްރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް، ރަނގަޅު ފެންވަރުގެ ފެން ހިންދާ ނިޒާމާއެކުގައި، ވެލި މަގުތައް ހެދުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ގޮޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު:

• 6 މަޝްރޫޢެއް ނިމިފައި
• 14 މަޝްރޫޢެއްގައި މިދިޔަ އަހަރު ސޮއިކުރި
• 62 މަޝްރޫޢުއަކާ ގުޅޭ މަސައްކަތްތައް ކުރިއަށްދޭ
• 15 މަޝްރޫޢެއް މިއަހަރު ހަވާލުކުރާނެ
• 77 މަޝްރޫޢެއް އެކި މަރުހަލަގައި ކުރިއަށް
• 18 މަސް ދުވަސްތެރޭ މަސައްކަތްތައް ނިންމާ ހަވާލުކުރާނެ

ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމުކުރުން:

• 42 ރަށުގެ ފެނުގެ މަޝްރޫޢު ނިންމާފައި
• 39 ރަށުގައި ނަރުދަމާގެ މަސައްކަތް ނިމިފައި

51 ރަށުގައި ފެނުގެ ނިޒާމު އަދި 40 ރަށުގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވުމުން، ރާއްޖޭގެ ހުރިހާ ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި މަސައްކަތް ނިންމާ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރިއަށް އޮތް 18 މަސް ދުވަސްތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޢުމްރާނީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި ރާއްޖޭގެ އަމިއްލަ ކުންފުނިތައް ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަސައްކަތްތައް އަވަސްކުރުމަށް އާރްޑީސީ މެދުވެރިކޮށް، މަޝްރޫޢުތަކަށް ބޭނުންވާ ގިނަ ޢަދަދެއްގެ މެޝިނަރީ ގެނައުމަށް ޗައިނާ ކުންފުންޏަކާ މިހާރު ވަނީ އެ މަސައްކަތް ހަވާލުކޮށްފައެވެ. މި އަހަރުގެ އޭޕްރިލް މަސް ނިމުމުގެ ކުރިން އެ ތަކެތި ރާއްޖެއަށް ގެނެވޭނެކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މިއާއެކު މާލެ ސަރަޙައްދުގައި ފަށާފަވާ މަޝްރޫޢުތަކާއި އަތޮޅުތެރޭގައި ކުރިއަށްގެންދާ މަސައްކަތްތައްވެސް އެކީ އެއްފަހަރާ ކުރިއަށްގެންދެވި، މަސައްކަތްތަކުގެ ދުވެލި އަވަސްވެގެން ދާނެއެވެ.