އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަހަރު ފާހަގަކުރަން ތައްޔާރުވާން ފަށާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ފާހަގަކުރަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ.
މިއަންނަ އަހަރު ފަތުރުވެރިކަމުގެ އަހަރު ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2.5 މިލިޔަނަށް އިތުރުކުރުމަކީ އަމާޒެއް ކަމަށެވެ. އަދި މިކަން ހާސިލްކުރުމަށް ރާއްޖެ ޕްރޮމޯޓް ކުރުމަކީ އެންމެން ޝާމިލުވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި ހައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެގެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ، ވިޒިޓް މޯލްޑިވްސް އިޔަރ ސަރުކާރުން ފާހަގަކުރަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 55 އަހަރު ފުރޭ މުނާސަބާއި ގުޅުވައި ކަމަށެވެ. އަދި މިފަދަ އަހަރެއް ފާހަގަކުރަން ނިންމެވުމަކީ މި ސިނާޢަތަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަމިއްޔާތުކަމުގެ ނިޝާނެއް ކަމަށެވެ.
ނިޔާޒްވަނީ ފަތުރުވެރިކަމުގެ އަހަރު ފާހަގަކުރުމަށް މިހާރު މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ޚާއްސަކޮށް ކޮމެޓީއެއް އެކުލަވާލައި ކޮމެޓީގެ މަސައްކަތް ފަށާފައިވާ ކަމަށް ނިޒާޔު ވިދާޅުވިއެވެ.
• ފަތުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާ
• ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
• މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
• އައިލޭންޑް އެވިއޭޝަން ސާވިސެސް
• މަޓީ
• ބޯޓިން އެސޯސިއޭޝަން
• މަޓާޓޯ
ޑރ. ނިޔާޒް ވިދާޅުވީ ކޮމެޓީގެ މަސައްކަތްތަކުގެ ތެރެއިން ފަތުރުވެރިކަމުގެ އަހަރު ކެމްޕެއިން ބްރޭންޑް ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
"ސިނާޢަތުގެ ފަންނީ މީހުންގެ ލަފަޔާއި އިރުޝާދުގެ ދަށުން، މި ކޮމެޓީ އެކުލަވާލައި މަސައްކަތް ކުރަނީ. މި ކޮމެޓީ އިން މިހާރުވެސް ވިޒިޓް މޯލްޑިވްސް އިޔަރ ބްރޭންޑް ކުރުމުގެ މަސައްކަތް ކުރެވޭ. އަހަރަށް ހާއްސަ ލޯގޯ އެކުލަވާލުމާއި ކެމްޕެއިން ޑިޒައިންކޮށް ގެންނާނެ ގޮތުގެ ޕްލޭންތައް އެކުލަވާލާ އެކަމާއި ގުޅޭ މަޝްވާރަތައް ކުރުން މިހާރު ވަނީ ވަރަށް ބާރަށް ފެށިފައި." ޑރ. ނިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިމަސައްކަތް ކުރާއިރު ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ދައިރާއެއްވެސް ރައީސް ވިދާޅުވިހެން ޝަމިލްކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ކައުންސިލްތައްވެސް ކެމްޕެއިން ތެރޭގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭ ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކަނިވެސް ފަތުރުވެރިކަމުން ރާއްޖެއަށް 5.5 ބިލިޔަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. ސަރުކާރުން ވަނީ މި އަދަދު 6 ބިލިޔަން ޑޮލަރަށް އެރުވުމަށް އަމާޒު ހިފާފައެވެ.