ޚަބަރު

މާލެ ސަރަޙައްދުގެ %53.5 ގޭބިސީއަށް މަސްދަޅު ކޭސް ބަހައިފި


  • މިހާތަނަށް 35،132 މަސްދަޅު ކޭސް ވަނީ ދޫކޮށްފައި

  • މަސްދަޅު ކޭސް ދޫކުރަން ފެށީ މިދިޔަމަހު 24 ގައި

ރޯދަ ހަދިޔާގެ ގޮތުގައި މިހާތަނަށް 35،132 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބަހަން ފެށީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

ރަމަޟާން މަހަށް ސަރުކާރުން ދޫކުރާ މަސްދަޅު ކޭސްތައް 2024 އަހަރުން ފެށިގެން އަންނަނީ ދޫކުރަމުންނެއެވެ. އެގޮތުން ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، ކައުންސިލްތަކާއި، ޤައުމީ ދިފާޢީ ބާރާއި، އެކި އިދާރާތައް ގުޅިގެންނެވެ.

މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ މަގުންނެވެ. ފާއިތުވި ދެ އަހަރުގެ ތަޖުރިބާއަށް ބިނާކޮށް، މިއަހަރުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާނޭކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އެގޮތުން، މަސްދަޅު ކޭސް ބަލައި ދިއުމަށްޓަކައި "ރޯދަ ހަދިޔާ" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމާއި ޓޯކަން ނެގުމުގެ ނިޒާމެއް ވަނީ ތައާރަފްކޮށްފައެވެ.

މި ޕޯޓަލް މެދުވެރިކޮށް، ކޭސް ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރެއިން އެ މީހަކަށް އެންމެ ފަސޭހަ ދުވަހަކާއި ވަގުތެއް އިޚްތިޔާރުކޮށް ޝެޑިއުލް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ކިއޫގައި މަޑުކުރަން ނުޖެހި، ކަނޑައެޅިފައިވާ ގަޑިއަށް، އެ ފަރާތަކަށް އެންމެ ކައިރި މަރުކަޒަކުން ހަދިޔާ ބަލައިގަތުމަށް މަގުފަހިވެގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މި އަހަރުގެ އިންތިޒާމުތަކާ މެދު އާންމު ރައްޔިތުންގެ ހިތްހަމަޖެހުން އޮތްކަން ސޯޝަލް މީޑިއާގެ އެކި މަންސަތަކުން ވެސް ފާހަގަކުރެވެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ރަމަޟާންމަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރެޓާ މާލެ ސަރަހައްދުގެ ގޭބިސީތަކަށް މިހާތަނަށް 35،132 މަސްދަޅު ކޭސް ދޫކުރެވިފައިވާކަަމަށެވެ. ގްރެޓާ މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެގޮތުން މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންކަމަށާއި މިހާތަނަށް މާލެ ސަރަހައްދުގެ 53.5 އިންސައްތަ ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެވުޒާރާއިން ވިދާޅުވީ އަތޮޅުތަކުގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް މަސްދަޅު ކޭސްތައް މިހާރު ފޮނުވިފައިވާކަމަށާއި ރަށްރަށުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންކަމަށެވެ.

ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މާލެ ސަރަޙައްދުގައި ކުރިއަށް ދާނީ، ކޮންމެ ރެއަކު 20:30 އިން ފެށިގެން 23:00 އަށެވެ.

މަސްދަޅު ކޭސް ދޫކުރުމަށް ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގުމަށް ވަނީ ހުޅުވާލާފައެވެ. ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ކަރަންޓް މީޓަރަކަށް މަސްދަޅު ކޭހެއް ދޫކުރާނެއެވެ.