ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލުއިގޮތެއްގައި ފޯރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
ހުޅުމާލޭ ޖަލު ސަރަހައްދުގައި ގާއިމުކޮށްފައިވާ މި ފްރަންޓް އޮފީސް ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރާއި އެ ޚިދުމަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކަރެކްޝަނަލް ސަރވިސްގެ ފްރަންޓް އޮފީސް ހުޅުވައިދެއްވައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ މިއީ ރައްޔިތުންނަށް ކަރެކްޝަންސްއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އެއްތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ އޮފީހެއް ކަމަށެވެ. އަދި މީގެ ސަބަބުން ކަރެކްޝަންސް ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި އެ ގައިދީންގެ އާއިލާތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ވީހާވެސް ގާތުން ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން ގިނަ ރައްޔިތުންތަކަށް ގައިދުވެފައިވާ އާއިލާތަކާއި ރަހުމަތްތެރިންނަށް އިދާރީ ގޮތުން ބާއްވަންޖެހޭ ގުޅުން އަދި ކަންކަމުގައި އިދާރާގެ ފަރާތުން ހޯދަންޖެހޭ ޚިދުމަތްތައް ލިބުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. ހަމައެއާއެކު މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން ޚިދުމަތްތައް ޑިޖިޓަލައިޒްކުރެވިގެންގޮސް ޚިދުމަތްތަކަށް ފަސޭހަކަމާއެކު ރައްޔިތުންނަށް އެކްސަސް ކުރެވިގެންދާނެ ވަން ސްޓޮޕް ތަނެއް މިތަނަކީ." ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ކަރެކްޝަންސްގެ ފްރަންޓް އޮފީހަކީ ގައިދީންނާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މަސައްކަތުން ބިނާކޮށްފައިވާ ތަނެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެއީ ގައިދީންގެ ރިހެބިލިޓޭޝަން މަސައްކަތުގެ ބައެއް ކަމަށެވެ.
އަލަށް ހުޅުވި ކަރެކްޝަންސްގެ ފްރަންޓް އޮފީހުން ކުށުގެ ރިކޯޑް ސާފުކުރުމާބެހޭ މަސައްކަތްތަކާއި ރިސެޕްޝަނަށް ލިބޭ ސިޓީ، މެސެޖް، ފޯމު ފަދަ ލިޔުންތައް ބަލައިގަނެ، ކަމާބެހޭ ސެކްޝަންތަކާއި ޑިވިޜަން އަދި ކޮމާންޑްތަކާ ޙަވާލުކޮށް، ރެކޯޑް ބެލެހެއްޓުމައި މައުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އަންނައުނު ބަލައިގަތުމުގެ ޢުޞޫލާ އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި އަންގާރަ، ދުވަހު ޢާއިލާތަކުން ގެންނަ އަންނައުނު ބަލައިގަންނާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.