ޚަބަރު

ހުޅުދެލި ޞިއްޙީ މަރުކަޒުގައި މުހިންމު 3 ޚިދުމަތެއް


  • މި ޚިދުމަތްތައް ފަށްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް

  • ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ފެށުމަކީ ރައީސްގެ ވަޢުދެއް

ދ. ހުޅުދެލި ޞިއްޙީ މަރުކަޒުގައި މުހިންމު 3 ޚިދުމަތެއް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ފަށްޓަވައިދެއްވައިފިއެވެ. މިއީ އެރަށުގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށް ޞިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ.

ހުޅުދެލި ޞިއްޙީ މަރުކަޒުގައި މުހިންމު 3 ޚިދުމަތެއް ފެށްޓެވުމަށް މިއަދު އެރަށުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. އެއީ މިރަށުގެ މަރުކަޒަށް އިތުރުކުރެވޭ އައު އިމާރާތުގެ ބިންގާ އެޅުމާއި، ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ އިތުރުން، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް 16 ގަޑިއިރަށް ބަދަލުކުރުމެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ހުޅުދެލި ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން އެރަށު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މިއަދު އިފްތިތާހުކުރެވުނު ޚިދުމަތްތަކަކީ ހުޅުދެލި ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ޚިދުމަތްތަކެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހުޅުދެލި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ހޯދުމަށް މީގެ ކުރިން ދަތުރުކުރަން ޖެހުނު ޖެހުމަށް ނިމުމެއް އަންނާނެ ކަަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއަދަކީ ހުޅުދެއްޔަށް ވަރަށް އުފާވެރި ދުވަހެއް. އެއް ދުވަހެއްގެ ތެރޭގައި ތިން ޚިދުމަތެއް އިފްތިތާހުވެގެން މިދިޔައީ. ވަރަަށްވެސް މުހިންމު ޚިދުމަތްތަކެއް." ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

ލެބޯޓްރީއެއް ނެތް ގިނަ ރަށްތަކުން ޓެސްޓް ހެދުމަށް އެހެން ރަށްރަށަށް ދާފަދައިން ހުޅުދެލި ރައްޔިތުންވެސް ދާންޖެހެނީ، އެ ޚިދުމަތް ލިބޭ އަތޮޅުގެ ކޮންމެވެސް ރަށަކަށެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ޚިދުމަތާއި، އާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުޞަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އެރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.

ހުޅުދެލި ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

މީގެ އިތުރުން، މިރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް 8 ގަޑިއިރުން 16 ގަޑިއިރަށް ބަދަލުކުރެވިގެން ދިއުމަކީވެސް މި ރަަށުގެ ޞިއްޙީ ދައިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެވެ. ހަމަމިއާއެކު އެމްޓިސީސީއާ ހަވާލުކޮށްގެން އިމާރާތްކުރާ އައު އިމާރާތާއެކު މިރަށުގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.