ޚަބަރު

ނީލަ ކޯރާ ގުޅޭ ދެބަސްވުން ޙައްލު ކުރުމަށް އެހީތެރިވުމަށް ޓްރަމްްޕް ހުށަހަޅުއްވައިފި


މިޞްރާއި އެތިއޯޕިޔާއާ ދެ ޤައުމުން ނީލަ ކޯރު ޙިއްޞާކުރުމާ ގުޅޭގޮތުން އުފެދިފައިވާ ދެބަސްވުންތައް ޙައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ނީލަ ކޯރު އުފެެދިފައި ވަނީ އެތިއޯޕިޔާގެ ބްލޫ ނައިލްއާއި ޔުގަންޑާއާއި ޓެންޒޭނިޔާއާއި ކެންޔާގެ ވައިޓް ނައިލް އެއްވުމުންނެވެ. އެ ކޯރުގެ 85 އިންސައްތަ ފެން އަންނަނީ ބްލޫ ނައިލް އިންނެވެ. މިޞްރުގައި ބޯން ބޭނުންކުރާ ފެނުގެ ބޮޑު ނިސްބަތެއްގެ އަސްލަކީ ނީލަ ކޯރެވެ. އޭގެ އިތުރުން ކަރަންޓު އުފެއްދުމަށާއި ދަނޑުވެރި ކަމަށް ވެސް މިޞްރުން ބަރޯސާ ވަނީ ނީލަ ކޯރުގެ ފެނުގެ މައްޗަށެވެ.

މިޞްރާއި އެތިއޯޕިޔާއާ ދެމެދު މައްސަލަ އުފެދުނީ އެތިއޯޕިޔާއިން ބްލޫ ނައިލްގައި “ގްރޭންޑް އެތިއޯޕިއަން ރެނަސާންސް ޑޭމް” ނުވަތަ ގަރޑް ކިޔައި ބޮޑު ޑޭމްއެއް އިމާރާތްކުރުމާ ގުޅިގެންނެވެ. މިޞްރުން ބުނަނީ އެ ޑޭމްގެ ސަބަބުން ނީލަ ކޯރުގައި ފެން ހިނގާ ގޮތަށް ނޭދެވޭ އަސަރުކޮށް ފެން ލިބޭ މިންވަރު މަދުވާނެ ކަމަށެވެ. އޭގެ ސަބަބުން ފެން ލިބުމުގައި ދަތިތައް ކުރިމަތިވެ ދަނޑުވެރިކަމާއި އެހެން ސިނާއަތްތަކަށް ވެސް ގެއްލުން ވާނެ ކަމަށް އެ ޤައުމުން ބުނެއެވެ. އެ ޑޭމް އިމާރާތްކޮށްފައި ވަނީ ބައިނަލްއަޤްވާމީ މުއާހަދާތަކާ ޚިލާފަށް ކަމަށާއި، ފެނަށް ޖެހުމާއި ފެން ބޮޑުވުމަށް ވެސް އެ ޑޭމްގެ ސަބަބުން މަގުފަހިވާ ކަމަށް މިޞްރުން ބުނެއެވެ.

ނަމަވެސް އެތިޕޯފިޔާއިން ބުނަނީ އެ ޤައުމަށް ލިބިފައިވާ ވަސީލަތްތައް ބޭނުން ގޮތަކަށް ބޭނުން ކުރުމުގެ ހައްޤު އެ ޤައުމަށް ލިބިގެންވާ ކަމަށެވެ. އެތިއޯޕިޔާގެ ވިސްނުން ހުރީ ޑޭމް ބެނުންކޮށްގެން އިޢާދަކުރަނިވި ހަަކަތަ އުފައްދައި އިޤްތިޞާދީ ކުރިއެރުން ހޯދުމަށެވެ. ޑޭމް އިމާރާތްކުރުމުގެ ސަބަބުން ކޯރަށް ފެން ލިބޭ މިންވަރު މަދުވާނެ ކަމަށް އެތިއޯޕިޔާއިން ޤަބޫލެއް ނުކުރެެއެވެ.

އެ މައްސަލަ ޙައްލުނުވެ އަަހަރުތަކެއް ފާއިތުވެފައިވާއިރު ޓްރަމްޕް މިހާރު ވަނީ މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީއަށް ސިޓީއެއް ފޮނުއްވައި، ނީލަ ކޯރުގެ ފެނޭ ގުޅޭ މައްސަލަ އެމެރިކާއިން ޙައްލުކޮށްފިނުމަށް ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުމަށް މަރުޙަބާ ކިޔުއްވައި ސީސީ ވިދާޅުވީ ނީލަ ކޯރަކީ މިޞްރަށް ކޮންމެހެން މުހިންމު ކޯރެއް ކަމަށެވެ. ދެ ފަރާތުގެ ދެމެދުގައި ހަމަހަމަ އެއްބަސްވުމަކާ ހަމައަށް އައުމަށް އެމެރިކާއިން އެހީތެރިވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ތާއީދު ކުރައްވައި ކަމަށާއި ނީލަ ކޯރު އެ ޤައުމުތަކެއްގެ ތެރެއިން ދައުރުކުރާ 11 ޤައުމާއެކު އެއްބާރުލުން ދީގެން މަސައްކަތްކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.