ދީން

ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ނިންމައިފި


މިއަހަރުގެ ޢަޟްހާ ޢީދު ނަމާދު، ބޮޑު ޖަމާޢަތުގައި މާފަންނު ސްޓޭޑިއަމްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

މިފަހަރު ފިރިހެން ބޭފުޅުން ޢީދު ނަމާދު ކުރުމަށް ޚާއްސަކޮށްފައިވަނީ ސްޓޭޑިއަމްގެ ޓަރފް ދަނޑު ސަރަޙައްދުގައެވެ. އަދި އަންހެން ބޭފުޅުން ނަމާދު ކުރުމަށް ތައްޔާރުކުރެވޭނީ ޓާރފް ދަނޑާއި ޖެހިގެން އޮންނަ ފުޓްސަލް ކުޅޭ، ވެލި ދަނޑުގައެވެ.  ޢީދު ނަމާދަށް ވަޑައިގަންނަވާ ފިރިހެން ބޭފުޅުންނާ އަންހެން ބޭކަނބަލުން ނަމާދުކުރާ ސަރަޙައްދަށް ވަދެވަޑައިގަތުމަށް ވަކި ޚާއްޞަ ދޮރުތަކާއި ގޭޓުތަކެއް ވަނީ ހަމަޖައްސަވާފައެވެ.  

ނަމާދަށް ވަޑައިގަންނަވާ އެންމެހާ ފަރާތްތަކުންވެސް ތަނުގައި ހަމަޖެއްސިފައިވާ އިންތިޒާމްތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. ޚާއްޞަކޮށް، އެންމެހާ ފަރާތްތަކުން ވެސް ފައިމަގުގައި ޢީދު ނަމާދަށް ވަޑައިގަތުމަށް އެ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. ނަމަވެސް ސައިކަލުގައި ވަޑައިގަންނަވާ ފަރާތްތަކަށް ސައިކަލު ޕާކު ކުރެވޭނެގޮތަށް ޕާކިން ސަރަޙައްދުތަކެއްވެސް ސްޓޭޑިޔަމް ސަރަޙައްދުގައި ވަނީ ކަނޑައަޅުއްވާފައެވެ. ޕާކިން އޭރިއާއެއްގެ ގޮތުގައި ކަނޑައަޅުއްވާ އެ ސަރަޙައްދަކީ، ކަޅުތުއްކަލާކޮށްޓާ ދިމާލަށްވާގޮތަށް ސްޓޭޑިއަމްގެ ކަނުގައި އޮތް ވެލި ދަނޑުގައެވެ. އަނެއް ސަރަޙައްދަކީ ކުޅިވަރު އެކުވެންޏާ އިންވެގެން އޮތް ހުސް ބިމެވެ.

މިފަހަރުވެސް ޢީދު ނަމާދު ކުރާ ސަރަޙައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ޓްރްފިކް ބެލެހެއްޓުމުގެ ކަންކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސް ޙަރަކާތްތެރިވާނެއެވެ.