2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑްގެ މައިނޯރިޓީ އޯނަރު އަދި ކުލަބު ހިންގަމުން އަންނަ އިސް ވެރިޔާ ޖިމް ރަޓްކްލިފޭ ކުލަބުގެ އިސް މަގާމުތަކުގައި ތިބި މީހުން އެއްކޮށްފައި ސުވާލު ކުރީ ޔުނައިޓެޑްގެ ކުޅުމުގެ ވައްޓަފާޅިއާ ބެހޭ ގޮތުންނެވެ. އެ ބައްދަލުވުމަށްފަހު މާގިނަ ދުވަހެއް ނުވެ ކޯޗުކަމުން އެރިކް ޓެންހަގް ވަކި ކުރި އެވެ. އެކަމަކު ކޯޗުކަމަށް އުމުރުން 40 އަހަރުގެ ޒުވާން ކޯޗު ރުބެން އަމޮރިމް ގެނައުމަކީ ވަރަށް ބޮޑު ރިސްކެއް އެ ބައްދަލުވުމުގައި ރަޓްކްލިފޭ އަށް ދިން ލަފާ އޭނާ މާބޮޑަށް އަޑެއް ނޭހި އެވެ.
ގާތްގަނޑަކަށް 14 މަސް ދުވަހަށް ފަހު އަމޮރިމް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗަކަށް ހަދަން ޖެހުނީ ވެސް ރަޓްކްލިފޭ އަށެވެ. ކުއްލި ގޮތަކަށެވެ. އެކަމަކު ކުލަބުގެ އެތެރޭގައި މި ކަންތައްގަނޑު ކެކެން ފެށިތާ ދުވަސްތަކެއް ވެއްޖެ އެވެ. މައްސަލަ އަކީ ކޮބާ ހެއްޔެވެ؟
އަމޮރިމްގެ ވަކިކުރި އެންމެ ބޮޑު އެއް މައްސަލަ އަކީ ވެސް ފޯމޭޝަނެވެ. ޕޯޗުގަލްގެ ސްޕޯޓިންގައި އޭނާ ކާމިޔާބު ހޯދީ 3-4-3 ފޯމޭޝަންގަ އެވެ. މިހެންވެ ކޯޗު ބޭނުންވީ ޔުނައިޓެޑްގެ އެކަޑަމީން ފެށިގެން ސީނިއާ ޓީމު ވެސް މި ފޯމޭޝަނަށް ކުޅުމަށެވެ. އެކަމަކު ކުލަބުގެ އެތެރޭގައި ތިބި ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ އިނގިރޭސި ލީގުގައި ކާމިޔާބު ވާނެ ފޯމިއުލާއެއްނޫނެވެ. ފޯމޭޝަން ބަދަލު ކުރަން ޔުނައިޓެޑްގެ ސީއީއޯ އޮމަރް ބެރާޑާ އާއި ޑައިރެކްޓަރ އޮފް ފުޓްބޯލް ޖެސަން ވިލްކޯސް އަމޮރިމާ ވާހަކަ ދައްކާތާ ދުވަސްތަކެއް ވެއްޖެ އެވެ. މި ގޮތުގެ މަތީން ހުސްވި ހަފުތާގައި ނިއުކާސަލް އަތުން ޔުނައިޓެޑް މޮޅުވީ ކުލަބުން ބޭނުންވާ ގޮތަށް ފަހަތަށް ހަތަރު ޑިފެންޑަރުން ލައިގެންނެވެ. މިއީ އަމޮރިމް ފޯމޭޝަން ބަދަލުކުރި ފުރަތަމަ ފަހަރެވެ. އެކަމަކު ޖެހިގެން އައި ލީޑްސް މެޗުގައި އަނެއްކާ ވެސް ކުރީގެ ފޯމޭޝަނަށް އެނބުރިގަތެވެ. މެޗުވީ އެއްވަރެވެ. މި ހިސާބުން ހުޅު ފަޅައިގެން ދިޔައީ އެގޮތް ބަދަލު ކުރަން ވިލްކޯސް އެދުމުން ދެ ފަރާތުން އަރައިރުންވެ، ހޫނުވުމުންނެވެ.
މި ހޫނުގަނޑުގައި ލީޑްސް މެޗަށް ފަހު އަމޮރިމް ކުރީގެ ވާހަކަތަކަށް ތަކުރާރުކުރި އެވެ. މެނޭޖްމަންޓާމެދު ހިތްހަމަނުޖެހުންތައް ނުސީދާކޮށް ބޭރުކޮށްލި އެވެ. ފޯމޭޝަން ނުވަތަ އޭނާ ގަބޫލުކުރާ ގޮތް ބަދަލު ނުކުރާނެ ކަމަށާއި އެކަން ކުރާނަމަ ޖެހޭނީ އޭނާ ފޮނުވާލަން ކަމަށް ބުންޏެވެ. ވަކިން ހާއްސަކޮށް އޭނާ ޔުނައިޓެޑަށް އައީ މެނޭޖަރުގެ ގޮތުގައި ކަމަށާއި ކޯޗުކޮށްދޭން އެކަނި ނޫން ކަމަށް ބުނެ އުދާސްތައް ބޭރުކޮށްލި އެވެ. މާނައަކީ ޔުނައިޓެޑްގެ ކަންކަން ނިންމުމުގެ ހުރިހާ ބާރެއް ދީފައި އޮތީ އޭނާ އަށް ކަމަށެވެ. ނުވަތަ އެކަންވާން ޖެހޭ ގޮތަކީ އެއީ އެވެ.
ވަަރަށް ގިނަ ކުލަބުތަކުގައި ކަންކަންވާ ގޮތުގެ މަތީން މިއީ ހަގީގަތް ނޫން ކަމާއި އަމޮރިމަށް ހުރިހާ ކޮންޓްރޯލެއް ނެތްކަން އެންމެނަށް ފާޅުވީ އޭނާގެ މައްޗަށް ތިބި މީހުން އަމޮރިމް ހިތުހުރިހާ ގޮތަކަށް ކަންކަން ދޫކޮށްލުމުގެ ބަދަލުގައި އޭނާ މަގާމުން ވަކިކުރުމުންނެވެ. މީގެ ބަދަލުގެ ގޮތުގައި 12 މިލިއަން ޑޮލަރަށްވުރެ ގިނަ ޔޫރޯ ވެސް ދޭން ޖެހޭނެ އެވެ.
މިވަރުގެ ނިންމުމެއް ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑުން ނިންމީ ފޯމޭޝަނާ ހެދި އެކަނި ހެއްޔެވެ؟ އަމޮރިމް ޔުނައިޓެޑަށް ގެނައީ އެރިކް ޓެންހަގަށްވުރެ އޭނާގެ ވާހަކަ ދެއްކުމާއި މުއާމަލާތް ކުރުން ވެސް ރަނގަޅު ކަމަށް ބަލައިފަ އެވެ. އެކަމަކު ޕްރެޝަރުގައި އޭނާ އަށް ގިނައިން ހެދުނީ ގޯހެވެ. ބައެއް ކުޅުންތެރިންނާ ބެހޭ ގޮތުން އަމޮރިމް ދީފައިވާ ބައެއް އިންޓަވިއުތައް އޮންއެއާ ކުރުމުގެ ކުރިން ޔުނައިޓެޑުން ވާހަކަ ދައްކައިގެން ހުއްޓުވާފައި އެބަހުއްޓެވެ. ޓީމުގެ ކަންކަމުގައި މުއާމަލާތް ކުރަން ހަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް ނަގާފައި އޮތަސް ގިނަ ކުޅުންތެރިންގެ ނަޒަރުގައި މިއީ ކޮންމެ ކުޅުންތެރިއަކަށް ވަކިވަކިން ފާރަލައި ކަންކަން އޮބަހައްޓަން ކޯޗު ރޭވި ޕްލޭނެކެވެ. މިހެންވެ ކުޅުންތެރިންގެ ތެރޭގައި ވެސް އަމޮރިމްގެ މަގުބޫލުކަން ދިޔައީ ކުޑަވަމުންނެވެ.
ޔުނައިޓެޑަށް އޭނާއާއެކު ގެނައީ ސްޕޯޓިންގައި މަސައްކަތްކުރި ކޯޗިން ޓީމެވެ. ވަކި ހިސާބަކުން ޔުނައިޓެޑް ސީނިއާ މެނޭޖްމަންޓަށް ގަބޫލުކުރެވެން ފެށީ އިނގިރޭސި އެންމެ ބޮޑު ޓީމުގެ ކަންކަން ހަމަޔަކަށް އަޅުވާލެވޭ ވަރަށްވުރެ އަމޮރިމްގެ ކޯޗިންގެ ޓީމު ޅަ ވެފައި ތަޖުރިބާ މަދުކަމެވެ. އާއްމުކޮށް ސަޕޯޓަރުންނާއެކު އަމޮރިމަކީ ވަގުތު ހޭދަ ކުރާ ކޯޗެކެވެ. އެކަމަކު ޕްރެޝަރު ބޮޑު ބައެއް މެޗުތަކަށް ފަހު ސަޕޯޓަރުންނާ އަޅާނުލައި ކާރަށް އަރައިގެން އަވަސް އަވަހަށް ގެއަށް ދިއުމަކީ ވެސް ޔުނައިޓެޑުން އޭނާގެ ގޯސް ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ.
ހުސްވި ސީޒަނުގައި ޔުނައިޓެޑުން ޔޫރޮޕާ ލީގުގެ ފައިނަލް ކުޅުނެވެ. އެކަމަލު ލީގު ނިންމާލީ ރެލިގޭޝަން ޒޯނުގެ ފެންނަ ހިސާބުގައި ތިބެގެންނެވެ. މި ދަށް ނަތީޖާ ބަދަލު ކުރަން މި ސީޒަން ފެށުމުގެ ކުރިން އޭނާ އަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހޭދަކޮށްދިނަސް މެނޭޖްމަންޓުން ބޭނުންވާހާ ބާރުމިނުގައި ނަތީޖާ ނުނެރެވުމަކީ ވެސް މައްސަލައެކެވެ.
އެކަމަކު މިހުރިހާ ކަމަކަށްވުރެ ވެސް ބޮޑު މައްސަލައަކީ ފޯމޭޝަންގެ މައްސަލައެކެވެ. މިކަމާހެދި ޔުނައިޓެޑްގެ ކުރީގެ ލެޖެންޑުން ވެސް ތިބީ އަމޮރިމާ ފާޑަކަށް ޖެހިފަ އެވެ. ފާޑުކިޔާ ބައެއް މީހުން މިހާރު ބުނަމުދަނީ އަމޮރިމަށް ދިމާވީ ގޮތަކީ ތިމާގެ އަމިއްލަ ހިޔާލުގެ ތެރޭގައި ހިފަހައްޓައިގެން ހުރެ ގިނަ ބަޔަކަށް ކަމުދާ ގޮތަކަށް ކަންކަން ބަދަލު ނުކޮށް، ގޮތް ދޫނުކުރުމުގެ ނަތީޖާ ކަމަށެވެ.
އެކަމަކު މަގާމުން ވަކިކުރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޯޗުގެ ފުށުން ފެނުނީ މި ނިންމުމާމެދު ފަރުވާލެއް ނެތް ފަދަ މަންޒަރެކެވެ. އަންހެނުންނާއެކު މަގުމަތިން ދަމުން ހެވިފައި މީހުންނާ ސަމާސާ ކުރި މަންޒަރު ފެނުނެވެ. މިހެންވެ ގިނަ ބަޔަކު މިހާރު ބުނަނީ ޔުނައިޓެޑްގެ ކޯޗަކަށް ގެންނަންވީ ކަންކަން ހަމަޖެއްސޭވަރުގެ ތަޖުރިބާހުރި ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ.