ޚަބަރު

ބިސްބުރު އަތުން ވިކްޓްރީއަށް މުހިންމު މޮޅެއް


  • މެޗުން ވިކްޓްރީ މޮޅުވީ 0-3 އިން

  • މެޗުގައި ވިކްޓްރީގެ ހިސާމަށް ވަނީ ރަތްކާޑެއް ދައްކާފައި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބުން ކުޅުނު ހަތަރުވަނަ މެޗުގައި ބިސްބުރު ސްޕޯޓްސް ކުލަބު ބަލިކޮށް، މުހިންމު މޮޅެއް ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން ވިކްޓްރީ މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.

ފާއިތުވީ ދުވަސްތަކުގައި، ސިއްހީ ހާލަތު ހުރިގޮތުން ވިކްޓްރީގެ މެޗުތަކުން ނުފެނުނު ހަސަން ނާއިޒް (ދާދު) ވަނީ މި މެޗުގައި ފުރަތަމަ 11ގައި ހިމެނިގެން ކުޅެފައެވެ. މެޗުގައި ވިކްޓްރީގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީ ވެސް އޭނާއެވެ.

މުޅި މެޗުގައި ވެސް ކުރިއަށް ޖެހިގެން އެޓޭކިން ވިސްނުމެއްގައި ކުޅެމުންދިޔައީ ވިކްޓްރީންނެވެ. އެޓީމުން ވަނީ މި މެޗުގައި 9 ހަމަލާއެއް އޮން ޓާގެޓަށް ފޮނުވާލާފައެވެ.

މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު، މެޗުގެ 27ވަނަ މިނެޓުގައި ވިކްޓްރީއަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރިޒްވާން (ރިޒޭ) އެވެ. މިއީ އަލްހާޖީ ޖެރޯގެ އެސިސްޓަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެނެއް ނުދެއެވެ. އެހެންނަމަވެސް ދެވެނަ ހާފު ފަށައިގެން 2ވަނަ މިނެޓުގައި ވިކްޓްރީން ވަނީ ދެވަނަ ލަނޑުޖަހައި ލީޑުފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު ޝޮޚްރުޚްބެކް ޚޮލްމަތޮވްއެވެ. މެޗުގައި ވިކްޓްރީން ޖެހި ފަހު ލަނޑު، މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އަލްހާޖީ ޖެރޯއެވެ.

ވިކްޓްރީން ތިންވަނަ ލަނޑު ޖެހިތާ 5 މިނެޓުފަހުން އެޓީމުގެ ހިސާމް ސަލީމަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކާފައެވެ. އެއީ ބިސްބުރުގެ އަލީ ޝައިހާންއާ ދެކުޅުންތެރިންގެ މެދުގައި ކުޅުމުން ބޭރުގައި ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެންނެވެ. އެހެންނަމަވެސް ރެފްރީ ޝައިހާނަށް ދެއްކީ ރީނދޫ ކާޑެކެވެ.

މި މޮޅާއެކު ލިބިފައިވާ ތިން ޕޮއިންޓާއެކު ވިކްޓްރީއަށް ވަނީ ހަތަރު މެޗުން ޖުމްލަ 10 ޕޮއިންޓު ލިބިފައެވެ. މިއާއެކު ވަގުތީ ގޮތުން ވިކްޓްރީ ވަނީ ތާވަލުގެ އެއްވަނައަށް އަރާފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ކްލަބް އީގަލްސް އިން ވަނީ އެއް މެޗު މަދުން ކުޅެ 9 ޕޮއިންޓު ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ތިން މެޗުން 7 ޕޮއިންޓު ލިބިފައިވެއެވެ.

މި މެޗުން ބަލިވި ބިސްބުރަށް ހަތަރު މެޗުން ހަ ޕޮއިންޓު ލިބިފައިވެއެވެ.