އަތޮޅުތައް

ތިން ރަށެއްގެ ނަރުދަމާ ޤާއިމްކުރުމަށް ބޭނުންވާ ސާމާނު ފޮނުވައިފި


ނ. ވެލިދުއާއި ރ. ހުޅުދުއްފާރާއި، އަދި ބ. ތުޅާދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރެއްވުމަށް ބޭނުންވާ ސަމާނު އެރަށްރަށަށް ފޮނުއްވައިފިއެވެ. 

މި ތިން ރަށަކީވެސް އޮފިޑް ލޯންގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރާ ތިން ރަށެވެ. މަސައްކަތުގެ ކޮންޓްރެކްޓަރަކީ މާލޭވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީއެވެ. ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިތަކާއި، އެކްސްކަވޭޓަރ ފަދަ ސާމާނުތައް އެރަށްރަށަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. 

މިތިން ރަށުގައިވެސް ޢަމަލީ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ އެކުއެކީގައެވެ. ޢީދު ބަންދަށްފަހު ޢަމަލީ މަސައްކަތް ފަށާނެކަމަށް އެމް.ޑަބްލިއު.އެސް.ސީން ހާމަކުރެއެވެ. އޮފިޑް ލޯންގެ ދަށުން، ހިންގާ މަޝްރޫޢުގައި ދެން ހިމެނެނީ ގއ.ކޮލަމާފުށީގެ ފެނާއި ނަރުދަމާއާއި، ގދ.ގައްދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތެވެ. އެ ރަށްތަކުގެ މަސައްކަތްތައްވެސް ކައިރި މުސްތަޤްބަލެއްގައި ފެށިގެންދާނެ ކަމަށް އެމް.ޑަބްލިއު.އެސް.ސީން ބުނެއެވެ.