ޚަބަރު

ހުޅުމާލެ ހޮސްޕިޓަލް: ޒަމާނީ ބަދަލުތަކާއި އިތުރު ޚިދުމަތްތަކެއް


  • ޓަރޝަރީ ފެންވަރަށް ބަދަލުކުރީ އައު ގިނަ ޚިދުމަތްތަކާއެކު

  • އަންނަ އަހަރު އިތުރު 2 ޖީޕީ ކްލިނިކް ހުޅުވާނެ

  • ދެވަނަ ފިޔަވަހީގައި އައު 500 އެނދުގެ ހޮސްޕިޓަލެއް އެޅުމަކީ ދުރު ރާސްތާ އަމާޒެއް

މާލެ ސަރަހައްދުގެ ސިއްޙީ ޚިދުމަތް ރަނގަޅުކޮށް އާބާދީއާއި އެކަށޭނަ ޚިދުމަތެއް ދިނުމަކީ، ސަރުކާރުގެ މުހިންމު އަމާޒެކެވެ. ސިނަމާލެ ބްރިޖު ހުޅުވުމާއެކު ހުޅުމާލެއަށް އިތުރުވަމުންދިޔަ އާބާދީއާއި އެކަށޭނަ ސިއްޙީ ޚިދުމަތެއް ދިނުމަށް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިހާރު ހުޅުމާލޭގެ ދެ ފިޔަވަހީގައި އޮތް އާބާދީއަށް ޚިދުމަތް ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން މިވަނީ ހަރުދަނާ ބަދަލުތަކެއް ގެނެސްފައެވެ.

ހުޅުމާލެ ހޮސްޕިޓަލު ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް، ހުޅުމާލެ ހޮސްޕިޓަލް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހު ބަދަލު ކުރިއެވެ. އޭގެފަހުން އެންމެ ބޮޑު އަމާޒަކަށްވީ ހުޅުމާލޭގައި ދިރިއުޅެމުންދާ އާބާދީ އަދި އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުމެވެ. ސަރުކާރުން ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ގެނައި ބަދަލުތަކުގެ ތެރެއިން ޓަރޝަރީ ފެންވަރަށް ގެންދިއުމަށް ޚިދުމަތްތައް އިތުރަށް ފުޅާކޮށްފައިވެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލުވުމަށް ފަހު އިތުރުވި ޚިދުމަތްތައް

ހޮސްޕިޓަލަށް އިތުރު ކުރި ޚިދުމަތްތަކަށް ބަލާއިރު، ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޓިންގ ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސެއް ވަނީ ޤާއިމްކޮށްފައެވެ. މިތަނުގައި ހިމެނެނީ، ލޮލުގެ ބަލިތަކަށާއި، ކަށީގެ ބަލިތަކަށާއި، އަންހެނުންގެ ބަލިތަކުގެ އިތުރުން އާންމު ސަރޖަރީތަކަށް ޚާއްސަ 4 އޮޕަރޭޓިންގ ކޮޓަރިއެވެ. މީގެ އިތުރުން 10 އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓާއި، އައިސީޔޫ ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި މި ޔުނިޓުގައި ގައިން ގަޔަށް އަރާ ބަލިތަކުގައި ހާލު ބޮޑުވާ މީހުންނަށް ގާތުން ފަރުވާދިނުމަށް އައިސޮލޭޝަން ޔުނިޓެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

އައިސީޔޫގެ އިތުރުން ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާދިނުމަށް 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި ޞިއްޙީ އާލާތްތައް ސާފުކުރުމަށް ސެންޓްރަލް ސްޓްރެއިލް ސަރވިސް ޑިޕާޓްމަންޓެއްވެސް ވަނީ ޤާއިމްކޮށްފައެވެ. މީގެ ކުރިން ހޮސްޕިޓަލުގައި ހުންނަނީ އާލާތްތައް ސާފުކުރަން ބޭނުންކުރާ އެއް މެޝިނެވެ.

އިތުރުވެގެން ދިޔަ މި ޚިދުމަތްތަކާއިއެކު ހޮސްޕިޓަލުގެ އީއާރުގެ އެނދުތަކުގެ އަދަދު 7 އިން 14 އަށް ވަނީ އިތުރުކޮށްފައެވެ. ޒަމާނީ ވަސީލަތްތަކާއެކު އީއާރުގެ ޚިދުމަތް ފުޅާކުރިއިރު، ޑައިލަސިސް ޔުނިޓުގެ އެނދުތަކުގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން 10 އެނދާއެކު ދިގު ކިއުއެއް އޮންނަ މި ޔުނިޓުގައި މިހާރު އިތުރު 30 އެނދުން ޚިދުމަތް ދެމުން އަންނައިރު ކިއު އެއްކޮށް މިވަނީ ނައްތާލާފައެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރަށް ފަސޭހަކޮށްދިނުމަށް ދަމަނަވެށި ޤާއިމްކޮށް އާންމު ސިއްޙަތުގެ ޚިދުމަތްތައް ދޭން ފަށާފައިވާއިރު، އައިޖީއެމް ހޮސްޕިޓަލެކޭ އެއްގޮތަށް މި ހޮސްޕިޓަލުގައި މިހާރު ވަނީ ސަރުކާރުގެ އައިނު ފިހާރައެއްވެސް ޤާއިމްކޮށްފައެވެ.

ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ސިއްޚީ ފަރުވާ ހޯދުމަށް ޖީޕީއިން ލުއިތަކެއް

ހުޅުމާލޭގައި ދިރިއުޅެމުން އަންނަ އާބާދީގެ ނިސްބަތުން ބޮޑު ބައެއް ދެވަނަ ފިޔަވަހީގައި ދިރިއުޅެއެވެ. ނަމަވެސް ދެވަނަ ފިޔަވަހިން ސިއްޙީ ފަރުވާ ހޯދުމުގައި ދަތިތަކެއް ހުރެއެވެ. މީގެ އެއް ސަބަބަކީ، 2023 ވަނަ އަހަރު ހުޅުވި ހުޅުމާލޭ ހޮސްޕިޓަލުގެ ޖީޕީ ކްލިނިކް ޚިދުމަތް، ވަކި ގަޑިތަކެއްގައި ލިބުމެވެ. ވޭތުވެ ދިޔަ 2 އަހަރު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގެނެވުނު ބަަދަލުތަކުގެ ތެރެއިން ޖީޕީ ކްލިނިކްގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވިއެވެ. މިބަދަލު ބަލައިގަތްކަން ސާފުވަނީ ޚިދުމަތް ހޯދި ފަރާތްތަކުގެ އަދަދުތަކުންނެވެ.

ޖީޕީ ކްލިނިކުން ދެމުން އަންނަ ޚިދުމަތަކަށް ބަލާއިރު، އާންމު ބަލީގެ ޑޮކްޓަރަށް ދެއްކުމާއި، ލެބޯޓަރީ ޚިދުމަތް ދިނުމާއި، އައިވީ އަދި ނެބިއުލައިޒޭޝަން ޚިދުމަތް ދިނުން ހިމެނެއެވެ. އަދި މިތަނުން އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ޖީޕީ ކްލިނިކުން ޚިދުމަތް ހޯދި ފަރާތްތައް

  • ޖެނުއަރީ 2023 އިން 22 އެޕްރީލް 2024 (އެއް ޝިފްޓް) - 15،328 ފަރާތަކަށް ޚިދުމަތް ދެވުނު
  • އެޕްރީލް 2024 އިން 22 ސެޕްޓެމްބަރ 2025 (ދެ ޝިފްޓް) - 69،340 ފަރާތަކަށް ޚިދުމަތް ދެވުނު
  • ސެޕްޓެމްބަރ 2025 - 30 ނޮވެމްބަރ 2025 (24 ގަޑިއިރު ޚިދުމަތް) - 11،636 ފަރާތަކަށް ޚިދުމަތް ދެވުނު

ހުޅުމާލެ ހޮސްޕިޓަލުގެ މުސްތަޤުބަލު އުޖާލާ

ހުޅުމާލެ ހޮސްޕިޓަލަށް މިހާތަނަށް ބޮޑެތި ބަދަލުތަކެއް ގެނެވުނު ނަމަވެސް، ޒަމާންވީ މައްސަލަތަކަށް ހައްލު ހޯދުމަކީ އެއްފަހަރާ ކުރެވޭނެ ކަމެއް ނޫނެވެ. ޕީއެސްއެމްއިން އެއްކުރި ބައެއް މައުލޫމާތަށް ބަލާއިރު، ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކުރުމަށް އަންނަ އަހަރަށް އަދި ކުރިއަށް އޮތް މުސްތަޤުބަލަށް މުހިންމު އަމާޒުތަކެއް އެބަހުއްޓެވެ. އެގޭ ތެރޭގައި އަންނަ އަހަރުގެ ފުރަތަމަ ކުއަރޓާގައި އާމާން އުދަރެސް ޓަވަރު 6 ގައި އިތުރު ޖީޕީ ކްލިނިކެއް ހުޅުވުން ހިމެނެއެވެ. އަދި އަންނަ އަހަރު މެދު ތެރޭ ފޭސް 1 ގައިވެސް އިތުރު ޖީޕީ ކްލިނިކެއް ހުޅުވާނެއެވެ.

މީގެ އިތުރުން މިހާރު ހުރި ހޮސްޕިޓަލަށް އަންނަ އަހަރު އިތުރު ޚިދުމަތްތައް ތަޢާރަފް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ނިއުރޮލޮޖީއާ، ޔޫރޮލޮޖީއާ، ގޭސްޓްރޯ އެންޓްރޮލޮޖީ ހިމެނެއެވެ. މީގެ އިތުރުން މެޑިކަލް އަދި ޕީޑިއެޓްރިކް ވާޑަށް 28 އެނދު އިތުރު ކުރުމުގެ މަސައްކަތް އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ނިންމާނެއެވެ. މީގެ އިތުރުން ނަފްސާނީ ބަލިތަކުގެ ޚިދުމަތްފުޅާކޮށް އެޑްމިޓް ކޮށްގެން ފަރުވާ ދެވޭނެ ގޮތަށް ވަސީލަތްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އަންހެނުންގެ ބަލިތަކުގެ ފަރުވާތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާއެކު ވިހާ ކޮޓަރިތަކުގެ އަދަދު އިތުރު ކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި އިތުރު އެމްއާރްއައި މެޝިނެއް ހަރުކުރުމާއި، އީއީޖީ ޚިދުމަތް އިތުރު ކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ވަނީ ނިންމާފައެވެ. އަދި މިހާރު ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށާއި، ޚާއްސަ ބަލިތަކުގެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރަނީ އައު އިމާރާތަކާއެކު ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ދުރު ރާސްތާ އަމާޒުތަކުގެ ތެރޭގައި ދެވަނަ ފިޔަވަހީގައި 500 އެނދުގެ ހޮސްޕިޓަލެއް އެޅުން ހިމެނެއެވެ. މިތަނުން ކެންސަރު ބައްޔަށާއި، އަންހެނުންނާއި ކުޑަކުދިންނަށް ދޭ ފަރުވާ ހާއްސަކޮށް ދެވޭއިރު އިތުރު ޚިދުމަތްތައްވެސް ލިބޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ވިދާޅުވިއެވެ.

އިތުރުވަމުން އަންނަ ހުޅުމާލޭގެ އާބާދީއާއި އެކަށޭނަ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިނުމަކީ، ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށް ދަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަންނަ އަހަރު އިތުރުކުރާ މިޚިދުމަތްތަކާއެކު މިކަން ރައްޔިތުންނަށް އިހުސާސް ކުރެވޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.