ތިމާވެށި

13 ރަށެއްގެ ޑީސަލް ޕަވަރ ޕްލާންޓްތައް ހައިބްރިޑް ސިސްޓަމްތަކަކަށް


ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެމަތީ ލޯޑުގެ 30 އިންސައްތައަށްވުރެ މަދުނުވާ މިންވަރަކަށް 2018 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް މެދުވެރިކޮށް ކަރަންޓް ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ މުހިއްމު ލަނޑުދަނޑިއެކެވެ. މި ލަނޑުދަނޑި ޙާޞިލުކުރެއްވުމަށް ސަރުކާރުން މިހާރުވެސް ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ޕްރޮޖެކްޓުތައް ހިންގަވަމުންނެވެ. އެގޮތުން ހއ. އަތޮޅުގެ 14 ރަށެއްގެ ކަރަންޓްގެ ނިޒާމް ޑީސަލް ޖެނެރޭޓަރުންނާއި އިރުގެއަލިން ހަކަތަ އުފައްދާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރެއްވުމަށް ބީލަމަށް މިހާރު ވަނީ ހުޅުއްވާލައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14608220339015.jpg|އިޢާދަކުރަނިވި ހަކަތަ އުފެއްދެވުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން ރަށެއްގައި ސޯލާ ޕެނަލް ހަރުކޮށްފައި - ފޮޓޯ: ޕީއެސްއެމް

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގައި ޑީސަލް ޕަވަރ ޕްލާންޓްތައް ޢިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރައްވައި އަދި އެރަށްރަށުގައި ބޭނުންކުރާ ޑީސަލް ޕަވަރ ޕްލާންޓްތައް އޮޓޮމޭޓްކޮށް ޕަވަރ ޑިސްޓްރިބިއުޝަން ގްރިޑްތަކުގެ ފެންވަރު ރަގަޅުކުރައްވާނެކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ށ،ނ،ޅ،ކ،އދ، އަދި ވ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޢިޔާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރައްވައިގެން ކަރަންޓް އުފެއްދެވުމަށް ކުރައްވަންޖެހޭ ދިރާސާތައް ނިމިފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި އއ،ގއ،އަދި ގދ އަތޮޅުގައި މި މަސައްކަތަށް ބޭނުންވާ ދިރާސާ މިއަދު ފެއްޓެވުމަށް ހަމަޖެހިފައިވާކަމަށެވެ.

އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް މެދުވެރިކޮށް ކަރަންޓްދެއްވުމުގެ މަސައްކަތުގެ ދަށުން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 9 ރަށެއްގައި ވަނީ ހައިބްރިޑް ނިޒާމުތައް ޤާއިމުކުރައްވާފައެވެ.