ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. މިއީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލުގެ އިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޗައިނާ ސަރުކާރުންނެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ޓީމް ރާއްޖެ އައިސްފައިވާކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ މި ޓީމު ރާއްޖެ އައިސްފައިވަނީ ވިލިމާލޭގައި އިމާރާތްކުރާ ޓާރޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭ ހެދުމާއި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ކުރުމަށްކަމަށެވެ.
އެގޮތުން ސާރވޭކުރުމާއި ޑިޒައިންކުރުމުގެ މަސައްކަތް ފެށިފައިވާއިރު އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް މި ޓީމުން މުހިންމު ސްޓޭކްހޯލްޑަރުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ވިލިމާލެ ހޮސްޕިޓަލު ތަރައްޤީކުރުމަށް މިހާރު ހުރި ހޮސްޕިޓަލު ތަޅާލައި އެތަނުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެފައިވެއެވެ. ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.
އާބާދީގައި 15000 އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އެއާބާދީއަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައެއްނުވެއެވެ.
މި ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު، އިމަރޖެންސީގައި ބޭނުން ކުރަނީ 5 އެނދެވެ. އެހެންކަމުން ޢާންމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވުމަކީ، ވިލިމާލެ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.