ތަރައްްޤީ

2018ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި ކޮށި ޤާއިމުކުރަނީ


ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، 2018 ވަނަ އަހަރުގެ ނިޔަލަށް ރަށު ފެންވަރުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކޮށް، ކުނި ނައްތާލުމަށްޓަކައި ބޭނުންކުރާނެ ކުނި ކޮށްޓެއް ޤާއިމުކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރެއިންވެސް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތަކީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތެވެ. މި މަސައްކަތްތަކަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވި ގޮތުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް ނައްތާލުމަކީ ޤައުމުގެ އިޤްތިޞާދާއި، އިޖްތިމާޢީ ދުޅަހެޔޮކަމާއި ގުޅިލާމެހިފައިވާ ކަމެއްކަން ދެކެވަޑައިގެން، އަދުގެ ސަރުކާރުން ކުނީގެ މައްސަލަ ޙައްލުކުރެއްވުމަށް ޙާއްޞަ އަހައްމިޔަތުކަމެއް ދެއްވާކަމަށެވެ.

img:http://s2.psmnews.mv/images/660x400/14725321218582.jpg|ރ. ފައިނުގައި ކުނި މެނޭޖްކުރުން - ފޮޓޯ: ޕީއެސްއެމް ނިއުސް

އެގޮތުން 2018 ގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށަކަށް ބޭނުންވާ ވަރުގެ ކުނިކޮށްޓެއް އަޅުއްވައި، ކުނި މެނޭޖްކުރާނެ ސިސްޓަމެއް ޤާއިމުކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އަމާޒަށް ވާޞިލުވެވަޑައިގަތުމަށްޓަކައި ރާއްޖެ އެކި ޒޯންތަކަކަށް ބައްސަވާލައްވައިގެން ކާދު ހެދުމާއި، ކުނިމެނޭޖްކުރުމާ ގުޅޭ ތަމްރީންތައް ހިންގަވަމުން ގެންދަވާކަން މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ ތެރޭގައި ދެން އެންމެ އަވަހަށް ފެށިގެންދާނީ ހއ، ހދ، އަދި ށ އަތޮޅުގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރެއްވުމުގެ މަސައްކަތްކަމަށެވެ.

img:http://s4.psmnews.mv/images/660x400/14717737309133.jpg|ރ. އަލިފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ވެމްކޯއިން ހަރަކާތްތެރިވަނީ - ފޮޓޯ: ވެމްކޯ

"ސަރުކާރުން މިހާރު ޕޮލިސީއެއް ނެރުއްވާފައި އޮތީ 2018 ގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށަކަށް ބޭނުންވާ ވަރުގެ ކުނިކޮށްޓެއް އެޅި، އެރަށެއްގެ ކުނި މެނޭޖްކުރާނެ ސިސްޓަމެއް ހަދައިދިނުން. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަންތައްތައް ކުރާނަން. ހއ. ހދ. ށ މި ތިން އަތޮޅަށް ބޭނުންވާ ހުރިހާ ރަށެއްގެ، މިއީ ރީޖަން އެކެއް އަޅުގަނޑުމެން ކުނި މެނޭޖްކުރުމަށް ޕްލޭންކޮށްފައިވާ. ރީޖަން އެކެއްގެ ހުރިހާ ރަށެއްގައިވެސް މި މަސައްކަތްތައް ފެއްޓިގެންދާނެ. މި ރަށްރަށުގައި ކައުންސިލްތައް މެދުވެރިކޮށް، ރައްޔިތުންނަށް ދަސްކޮށްދޭނަން ކާދުހެދުމުގެ ކަންތައްތަކާއި ކުނި މެނޭޖްކުރުމުގެ ކަންތައްތައް" މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވެސް ގެންދަވަނީ ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭހެން ރ. ވަންދޫގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރައްވައި، އެ ސަރަޙައްދުގައި ހިމެނޭ 44 ރަށެއްގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އައްޑޫ ސިޓީގައި ޤާއިމުކުރެއްވުމަށް ހަމަޖެހިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްވެސް ކައިރި މުސްތަޤުބަލެއްގައި ފަށްޓަވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.

img:http://s1.psmnews.mv/images/660x400/8967.jpg|ރ. ވަންދޫ / ފައިލް ފޮޓޯ: ޕީއެސްއެމް

ހަމައެހެންމެ މާލޭ ސިޓީ ހިމެނޭ ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށްޓަކައި، ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވެމްކޯއާ ހަވާލުކުރައްވައިގެންވެސް ސަރުކާރުން ގެންދަވަނީ ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.