މާލޭގައި ޒަމާނީ ފެންވަރުގެ އައު މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ފެށި އައު މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ޖަޕާން ސަރުކާރުން މަސައްކަތް ކޮށްދޭން މިހާރު އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެތަން ތަރައްޤީކުރާނީ ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓު ހިމެނޭ މިކްސްޑް ޔޫސް މާކެޓެއް ހަދައި ޒަމާނީ އިމާރާތެއްގެ ގޮތުގައިކަމަށެވެ. އަދި އެ މަސައްކަތް ފެށުމަށްޓަކައި ޖަޕާނުގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއެއްގެ ގޮތުގައި އެ މަޝްރޫއު ކަނޑައެޅުމަށްޓަކައި އެ ބޭފުޅުންނާ އެކުގައި ވެސް ވާހަކަދެއްކެވި މަސައްކަތްތަކެއް ފެށިފައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަލަށް ތަރައްޤީ ކުރާ މަސްމާރުކޭޓު ތަރައްޤީ ކުރަނީ ކުރިންވެސް ޕްލޭންކޮށްފައި އޮތް ގޮތަށް ލޯކަލް މާރުކޭޓު މިހާރު ހުރި ބިމުގައިކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ ހަމަ އޮރިޖިނަލް ޕްލޭން. ރައީސް މައުމޫން ވެރިކަމުގައި އެތަން ހިއްކި އިރުގައިވެސް އެކަން ކުރަން ރާވާފައި އޮތް ގޮތް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްމާރުކޭޓު މިހާރު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ ކުންފުނިތަކާއި ޖަމްޢިއްޔާތަކަށް ބޭނުންވާ އޮފީސް ޖާގަ ދެވޭނެ ގޮތަށް އިމާރާތެއް އަޅަންވެސް ރާވަމުންދާކަމަށެވެ.
މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ތަރައްޤީކުރުމަށް ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު އަދި ވަޅޯމަސް މާރުކޭޓު ވަގުތީގޮތުން އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް، އެކަމަށް ވަގުތީ ބިންތަކެއްވެސް ހަމަޖައްސާފައިވާކަން މީގެ ކުރިން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މާލޭ މަސްމާރުކޭޓު ތަރައްޤީކުރަނީ 7 ފަންގިފިލާއަށެވެ. ވަގުތީ މާރުކޭޓުތަކުގެ މަސައްކަތް ނިމުމާއެކު ދާއިމީ މާރުކޭޓު ތަރައްޤީކުރުމުގެ މަސއްކަތް ފެށޭނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އަދި އައު މަސްމާރުކޭޓާއެކު މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މާލޭގެ މާރުކޭޓު ޚިދުމަތް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަސައްވުރެކެވެ. އެކަން ކުރުމަށް ބޭނުންވާ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށް ސަރުކާރުން ހާމަކުރައްވާފަވެއެވެ.