ޚަބަރު

ބޭރުގެ ދަރިވަރުންނަށް ރާއްޖޭގައި ކިޔެވުމުގެ ފުރުޞަތު: އިޤުތިޞާދު ސިންދަފާތުކޮށް ތަޢުލީމީ މުހިއްމު ފިޔަވަޅެއް


  • ސްްްޓޫޑެންޓް ވިސާއެއް ތަޢާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • 5 އިންސައްތައަކީ ރާއްޖޭން ބޭރުގެ ދަރިވަރުންނަށް ހެދުމަކީ އަމާޒެއް

ކޮންމެ އަހަރަކުވެސް މަތީ ތަޢުލީމަށް ކިޔެވުމަށްޓަކައި ސަރުކާރުން އެތައް ފުރުޞަތުތަކެއް ދިވެހި ދަރިވަރުންނަށް ފަހިކޮށްދެއެވެ. ރާއްޖޭގައި ތިބެގެން ކިޔެވުމުގެ އިތުރަށް ވަކިން ޚާއްސަކޮށް ރާއްޖެއިން ބޭރުން ފުރުޞަތުތައް ފަހިކޮށްދެއެވެ. އޭގެ ތެރޭގައި ސަރުކާރުން ދެއްވާ ސްކޮލަޝިޕްތަކާއި ބެރުގެ އެކި ޤައުމުތަކާއެކު އޮން ގާތްގުޅުމުގެ ސަބަބުން ލިބޭ ސްކޮލަރޝިޕްތައް ހިމެނެއެވެ.

ސަރުކާރުން ދޫކުރާ ލޯނުގެ އެހީގައި ކިޔެވުމުގެ ފުރުޞަތު ކޮންމެ އަހަރަކުވެސް ފަހިކޮށްދެއެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ ހަމައެކަނި ދިވެހި ދަރިވަރުން ބޭރުގެ އެކި ޤައުމުތަކަށް ތަޢުލީމު ހާސިލުކުރަން ފޮނުވުން އެކަންޏެއް ނޫނެވެ.

ރާއްޖެއަކީ ފަތުރުވެރިކަމުގެ އިތުރަށް ތަޢުލީމު ފޯރުކޮށްދިނުމަށްވެސް މަޝްހޫރު ޤައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އަންނަނީ މި އަމާޒަށް ވަޞީލްވުމަށް ބޭރު ޤައުމުތަަކުގެ ދަރިވަރުން ރާއްޖެ އައިސް ކިޔަވަން ތިބުމުގެ މަގު ފަހިކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މިއަހަރުގެ ތެރޭގައި ވަނީ "އެކްސްޕޯޓު އެޑިއުކޭޝަން" ނުވަތަ ރާއްޖެއިން ބޭރުގެ ދަރިވަރުން ރާއްޖެ އައިސް ކޮލެޖް ޔުނިވަސިޓީގައި ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާތައއް ފަށާފައެވެ.

މި މަސައްކަތާ ގުޅޭގޮތުން މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ ރާއްޖެއިން ބޭރުގެ ދަރިވަރުން ރާއްޖެ އައިސް އެކި ކޮލްޖް ޔުނިވަރސިޓީޓަކުގައި ކިޔެވުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަކީ މުހިއްމުކަމެއްކަމަށެވެ. އެއީ ދެ ފަރާތްތައްވެސް ލިބޭނެ މުހިއްމު ތަޖުރިބާއަކަށް ވާނެކަމަށާއި ފަތުރުވެރިކަމަށް ރާއްޖެ މަޝްހޫރުވުމުގެ އިތުރަށް ތަޢުލީމް ފޯރުކޮށްދިނުމަށް އިޝްތިހާރު ކުރެވި އެއިން ނަފާލިބޭނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް ރާއްޖޭގައި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދޭއިރު ދިމާވެދާނެ ބައެއް މައްސަލަތައް ހައްލުކުރުމަށްވެސް މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ސްްްޓޫޑެންޓް ވިސާއެއް ތަޢާރަފްކުރުމާއި ކުދިން އައިސް ތިބޭނެ ގޮތް ހަމަޖެއްސުމަށްވެސް މަޝްވަރާތަކެއް ކުރިއަށް ގެންދާކަން ވަޒީރު ފާހަގަކުރެއްވުއެވެ.

"މުހިއްމު ނިންމުންތަކެއް ކުރިއަށްއޮތް ދުވަސްތަކުގައި ނިންމޭނެ. މިއީ މަތީ ތަޢުލީމު ފޯރުކޮށްދޭ ކޮލެޖް ޔުނިވަރސިޓީތަކަށްވެސް ފައިދާވާނެ ކަމެއް." މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ހަޢިދަރު އަޙްމަދު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ބޭރުގެ ދަރިވަރުންނަށް ފަހި ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނައިރު މިހާރުވެސް ތަޖުރިބާ ދަތުރުތައް ބައެއް ޤައުމުތަކުގެ ދަރިވަރުން ކުރެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކުރިން ހާމަކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގައި ޤާއިމްކޮށްފައިވާ މެޑިކަލް ސުކޫލުގައި ކިޔެވުމަށް އެދި ބޭރު ޤައުމުތަކުންވެސް ހުށައެޅުންތައް ލިބެމުންދެއެވެ. އެހެންނަމަވެސް ޤައުމީ ޔުނިވަރސިޓީގައި މިހާރު ހުރި މެޑިކަލް ސުކޫލުގައި ޖާގައިގެ ދަތިކަން ހުރުމުންނާއި، ރާއްޖޭގެ ދަރިވަރުންގެވެސް ޑިމާންޑު އެކަމަށް އޮތުމުން އެ ފުރުޞަތު ބޭރުގެ ދަރިވަރުންނަށް ދީފައެއްނުވެއެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ ޖާގަ ތަނަވަސް މެޑިކަލް ސުކޫލެއް ހުޅުމާލޭގައި ޤާއިމްކޮށް ވީހާވެސް ގިނަ ދަރިވަރުނަށް ފުރުޞަތު ފަހިކުރުމެވެ.

ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް ރާއްޖޭގައި ތިބެގެން ކިޔެވުމުގެ މަގު ފަހި ކޮށްދިނުމަކީ އިޤުތިޞާދު ސިންދަފާތުކުރުމަށްޓަކައި މަތީ ތައުލީމުގެ ތެރެއިން ކުރެވޭނެ ވަރަށް މުހިންމު މަސައްކަތެއްކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުގެ އަމާޒަކީ މި 5 އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގައި މަތީ ތަޢުލީމު ހާސިލްކުރާ 20،000 ކުދިންގެ ތެރެއިން 5 އިންސައްތައަކީ ރާއްޖޭން ބޭރުގެ ދަރިވަރުންނަށް ހެދުންކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މަތީ ތަޢުލީމުގެ ސްކީމްތަކަށް 1.9 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ 2 އަހަރުގެ ތެރޭގައި 699 ސްކޮލަރޝިޕާއި، 2108 ދަރިވަރުންނަށް ކިޔެވުމަށް ލޯނު ދޫކޮށްފައިވެއެވެ.