ތަރައްްޤީ

ތަށި ހޯދި ޓީމްގެ މައްޗަށް މިހާރުގެ ޓީމް ކުރިހޯދައިފި


2008ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި ދިވެހި ގައުމީ ޓީމް ވާދަކުރި މެޗް އެކެއް ސުމަކުން ގައުމީ ޓީމް ކާމިޔާބުކޮށްފިއެވެ. 

ދިވެހި ފުޓްބޯޅައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބަށް އަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުޅުނު ޚާއްސަ ފުޓްބޯޅަ މެޗް މިހާރުގެ ގައުމީ ފުޓްބޯޅަ ޓީމް އެކެއް ސުމަކުން ކާމިޔާބުކުރިއިރު، މެޗުގެ ހަމައެކަނި ލަނޑު ގައުމީ ޓީމަށް ޖަހައިދިނީ މިޑްފިލްޑަރ އިމްރާން ނަޝީދުއެވެ.

img:http://s2.psmnews.mv/images/660x400/14725014512028.jpg|ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމް ފޮޓޯ: ޕީއެސްއެމް

 މި ޚާއްސަ މެޗް ޝަރަފްވެރިކޮށްދެއްވީ ސްޕެއިނާއި ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ހަނާންޑޭޒް އާއި އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ އަޔާލާއެވެ. މި މެޗުގެ ދެވަނަ ހާފުގައި އަޔާލާ ވަނީ ގައުމީ ޖާޒީގައި ތަށި ހޯދީ ޓީމުގެ ފަހަތް ބަލަހައްޓައިފައެވެ.  މެޗުގެ ހާފް ޓައިމްގައި ޒަވީއާއި އަޔާލާވަނީ އެ ދެކުޅުންތެރިން ސޮއިކޮށްފައިވާ ބޯޅަތަކެއް ބަހާފައެވެ. އަދި މި ދެ ކުޅުންތެރިންނާއި 2008ގެ ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ކޯޗް ޔޯސެފް ޔަންކޭއަށް ވަނީ ހައްސަ އިނާމެއްވެސް މެޗުގެ ހާފްޓައިމްގައި ދީފައެވެ.

ގިނަ އަދަދެއްގެ ދިވެހިން މިމެޗް ބަލަން ވަތްއިރު މިމެޗަށް ސަޕޯޓް ދިނުމަށް ކުޅުދުއްފުށިން ގިނަ އަދަދެއްގެ ސަޕޯޓަރުން މާލެ އައިކަން ފާހަގަކޮށްލެވެއެވެ. 

img:http://s1.psmnews.mv/images/660x400/14725014797120.jpg|މިހާރުގެ ޤައުމީ ޓީމް ފޮޓޯ: ޕީއެސްއެމް

ޤައުމީ ޓީމްގެ މެޗެއް ދެން ކުޅޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އެމެޗްގައި ރާއްޖެ ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.