ޚަބަރު

މިލަންދޫ ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް 12 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފި


  • 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭނެ

  • ފަރުގެ 477 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

މިދިޔަ އަހަރުގެ އޮކްޓޫބަރު 3 ގައި ށ. މިލަންދޫ ފަރަށް އުރުނު ޓަގު ބޯޓުގެ ވެރިފަރާތް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މި ބޯޓަކީ އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓް ކަމުގެ ދަށުން ދިވެހިރާއްޖެ އައިސްފައިވާ ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓަރކޮށްފައިވާ "ޝްވޭ ލިން ޔޯން" (އައި އެމް އޯ: 9750488) ނަމަކަށް ކިޔާ ޓަގު ބޯޓެކެވެ.

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އޭއާރްއޭއިން ވިދާޅުވީ މި އުޅަނދު 19 އޮކްޓޫބަރު 2024 ގައި ފަރުމަތިން ފުންކޮށް ނަގާފައިވާކަމަށެވެ. އަދި ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން 7 އަދި 8 ނޮވެންބަރު 2024 ގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސަރވެޔަރުންނާއެކު އެ އުޅަނދު ފަރަށް އެރި ސަރަޙައްދުގައި ޖޮއިންޓް ސަރވޭއެއް ވަނީ ކުރެވިފައިކަމަށް ވިދާޅުވިއެވެ.

މިގޮތުން، މި އުޅަނދު ފަރަށް އެރި ސަރަޙައްދު ބެލި ބެލުމުން އެ ފަރުގެ 477 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ވިދާޅުވިއެވެ.

ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް 12,006,200.00ރ (ބާރަ މިލިޔަން ހަހާސް ދުއިސައްތަ) ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް އެ އޮތޯރިޓީއިން ވިދާޅުވިއެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ އެ އޮތޯރިޓީއަށް ދެއްކުމަށް 19 ނޮވެންބަރު 2025 ވަނަ ދުވަހު އަންގާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ޖޫރިމަނާ ކުރަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުންނެވެ. މީގެކުރިންވެސް ފަރުތަކަށް ބާޖުތަކާއި ބޯޓުތައް އަރައި، ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެތަކެތީގެ ވެރިފަރާތްތައް ވަނީ ޖޫރިމަނާކޮށްފައެވެ.