ތިމާވެށި

ވިހަ މާއްދާތަކުން ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ވޯކްޝޮޕް


ތެލާއި ކެމިކަލް އަދި ނުރައްކާތެރި އެހެނިހެން ވިހަ މާއްދާތަކުން،  ކަނޑުގެ ތިމާވެށި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި ސައުތު އޭޝިއާގައި ހިމެނޭ ފަސް ޤައުމަކުން ޕްލޭނެއް އެކުލަވާލައި އެއަށް އަމަލުކުރުމަށް ޤައުމުތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުން ނިމިއްޖެއެވެ.

މިމަހުގެ ބާވީހުން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ ޤައުމުތަކުން ޢަމަލުކުރާނެ ގޮތުގެ ޓޭބަލް ޓޮޕް އެކްސަސައިޒްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މިއީ ވޭތުވެދިޔަ ދެ އަހަރުދުވަހުގެ ތެރޭގައި ސައުތު އޭޝިޔާ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ފަސް ޤައުމުގެ ތެރެއިން ކޮންމެ ޤައުމެއްގައި ބައްދަލުވުމެއް ބާއްވައި އެޤައުމުތަކުން މިޕްލޭނަށް ހުށަހަޅަންޖެހޭ ކަރުދާސްތައް ހުށަހަޅައި އަދި ވަކި ވަކި ޤައުމުތަކުން ރީޖަނަލް ކޮންޓިންޖެންސީ ޕްލޭނަށް ދިޔުމަށްޓަކައި ނޭޝަނަލް ކޮންޓިންޖެންސީ ޕްލޭން ތައްޔާރުކުރުމުގެ ގޮތުން ބޭއްވި މަސައްކަތު ބައްދަލުވުމެއްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ. އަދި މި ވޯކްޝޮޕަކީ ވޭތުވެދިޔަ ދެ އަހަރުގެ ދުވަހުގެ މަސައްކަތް ނިންމުމަށްޓަކައި ބޭއްވި މުހިންމު ބައްދަލުވުމެއްކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ.

މި ވޯކްޝޮޕްގައި ބައިވެރިވީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ސްރީލަންކާ، އިންޑިއާ އަދި ޕާކިސްތާނުންނެވެ. މި ވޯކްޝޮޕްގައި މަޢުލޫމާތު ދެއްވާފައިވަނީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއާއި ސައުތް އޭޝިއަން ކޯޕަރޭޓިވް އެންވާރަމަންޓް ޕްރޮގްރާމްއާއި، އިންޓަރނޭޝަނަލަ ޓޭންކަރ އޯނާރސް ޕޮލޫޝަން ފެޑެރޭޝަން އޯގަނައިޒޭޝަންގެ ކަމާ ބެހޭ ތަޖުރިބާކާރުންނެވެ.