ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ. 
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ނިންމާ، ބައު ޓަރމިނަލްގެ ހުރިހާ ޚިދުމަތެއް މިހާރު ވަނީ އައު ޓަރމިނަލަށް ބަދަލުކޮށްފައެވެ. މި ޓަރމިނަލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.  
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް އިޔާޒް ވިދާޅުވީ، މި ޓަރމިނަލް ޑިޒައިންކުރެވިފައި ވަނީ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ދަތުރުވެރިންނަށްވެސް އެއް ފުރާޅެއްގެ ދަށުން ޚިދުމަތް ދެވޭ ގޮތަށް ކަމަށެވެ. ވުމާއެކު މި ފަރާތްތަަކަށް އެއްފަހަރާ އެއްފެންވަރެއްގެ ޚިދުމަތެއް ދިނުމަށްޓަކައި ކޮންޓްރެކްޓަރާ އަދި އެހެނިހެން ފަރާތްތަކާ ވާހަކަދައްކައިގެން ފުރިހަމަކުރަންޖެހޭ ޕްރޮސީޖަރތައް ފުރިހަމަކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. 
		
										
			އިޔާޒް ވިދާޅުވީ، އައު ޓަރމިނަލް ރަސްމީކޮށް ހުޅުވުމަށްޓަކައި، ޓަރމިނަލްގެ ޚިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި އައު ޓަރމިނަލްގެ ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމާއި ބައިނަލްއަޤުވާމީ އަދި ސިވިލް އެވިއޭޝަންގެ މިންގަނޑުތަކަށް އެއަރޕޯޓުގެ އޮޕަރޭޝަންސްތައް ފެއްތުމަށްވެސް ކުރަންޖެހޭ ހުރިހާ މަސައްކަތްތެެއްގެ އެންމެ ފަހުގެ މަރުހަލާތައް ކުރިއަށްދާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. 
"މި ޓަރމިނަލުން ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ޓޮޕް ޓިއާ ޚިދުމަތްތަކަށް ހެދުމަށް އަޅުގަނޑުމެން އެބަޖެހޭ މީހުން ބިނާކުރަން. އަލަށް މިތަނަށް ސްޓާފުން ވައްދައިގެން އަދި މިތަނުގައި މިހާުރު ތިބި ސްޓާފުންނަށް ހުރިހާ އިކުއިޕްމެންޓު ބޭނުންކުރަމުންދާ ގޮތުގެ ޓްރެއިނިންގްވެސް މިހާރު މިދަނީ ދެމުން. އިރާދަކުރެއްވިއްޔާ 9ގައި މި އެއަރޕޯޓު ހުޅުވާއިރު އެއަރޕޯޓުގައި ބޭނުންކުރަމުންދާ ހުރިހާ އިކުއިޕްމެންޓެއް ބޭނުންކުރަމުންދާނީ ހަމަ މިރަށު މީހުން." އިޔާޒް ވިދާޅުވިއެވެ.
		
										
			ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވިގެން ދިއުމާއެކު، މި ޓަރމިނަލުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން މި އޭޕްރަންގައި އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ.
ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އައު ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމްކޮށްފައިވަނީ ހަނިމާދޫ އެއަރޕޯޓްގައެވެ.
އެންމެ ޒަމާނީ އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ފަދަގޮތަކަށް ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއަރޕޯޓެކެވެ. އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފަށާފައިވާއިރު، މި މަޝްރޫޢަކީ ދެ ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.