ޓުއަރިޒަމް

ޖޫނިއަރހޮސްޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ހޮސްޕިޓަލިޓީ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށް ސޮނޭވާފުށިން ހިންގާ "ޖޫނިއަރ ހޮސްޓް ޕްރޮގްރާމް"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

"ޖޫނިއަރ ހޮސްޓް ޕްރޮގްރާމް"ގެ ދެވަނަ ބެޗަށް ކުދިން ހޯދުމަށް މާލެ، އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި އޯޕަން ޑޭއެއް ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށް ސޮނޭވާފުށިން މަޢުލޫމާތުދެއެވެ.

އެއްއަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގެ 2 ވަނަ ބެޗަށް މާލެއިން ކުދިން ހޮވުމަށް މިމަހުގެ 26 ވާ ހުކުރު ދުވަހު ދަރުބާރުގޭގައި އޯޕަން ޑޭ ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، ފުވައްމުލަކުން ކުދިން ހޮވުމަށް ފުވައްމުލަކު ކައުންސިލް ހޯލުގައި މިމަހުގެ 28 ވާ އާދިއްތަ ދުވަހު އޯޕަންޑޭ ފާހަގަކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އައްޑޫ ސިޓީއިން ކުދިން ހޮވުމަށް އައްޑޫ ސިޓީ ކައުންސިލް ހޯލުގައި މިމަހުގެ 29 ވާ ހޯމަ ދުވަހު އޯޕަންޑޭ ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށް ސޮނޭވާފުށިން މަޢުލޫމާތުދެއެވެ.

2015 ވަނަ އަހަރު ސޮނޭވާފުށިން ފެށި މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 12 ކުއްޖަކު ތަމްރީނުވެފައިވާ ކަމަށް ސޮނޭވާފުށިން މަޢުލޫމާތުދެއެވެ.