ގއ.ކޮލަމާފުށީގެ ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމުމަކާ ގާތްވެފެވަނާކަމަށާއި މުޅި މަޝްރޫޢުގެ %90އަށްވުރެ ގިނަ މަސައްކަތް ނިމިފަވާކަމަށް ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ސަރުކާރުން ހަވާލުކޮށްފަވަނީ ކޮލަމާފުށީގެ ބިން ހިއްކުމާއި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ. މިހާރު ކުރިއަށްދަނީ ބައުންޑްވޯލް ޖަހާ، ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ އެންމެ ފަހުގެ މަސައްކަތެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފަވަނީ، 2023 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. ޢަމަލީ މަސައްކަތް ރަށުގައި ފަށާފަވަނީ 2024 ވަނަ އަހަރުގެ އޭޕްރިލްމަހުއެވެ.
ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެރަށަށް 9.16 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. އެމްޓީސީސީން ވިދާޅުވީ ވެލިއެޅުމާ އެހެނިހެން މަސައްކަތްތައް ހިމެނޭހެން މުޅި މަޝްރޫޢުގެ %92 މަސައްކަތް މުޅިން ނިމިފަވާކަމަށެވެ.
މި މަޝްރޫޢުގައި، އެރަށުން ހިއްކާ ސަރަޙައްދުގައި ފެން ބޮޑުވިޔަ ނުދިނުމަށް، ބައޮސްވެލްވްއެއް އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި ހިއްކާ ސަރަޙައްދުގައި ބޮޑުހިލަ ޖަހާ ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެއެވެ.
ކޮލަމާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 44.33 މިލިޔަން ރުފިޔާއަށެވެ.
އާބާދީގައި 1،600އެއްހާ މީހުން ދިރިއުޅޭ ގއ.ކޮލަމާފުއްޓަކީ ނިސްބަތުން ބޮޑު ރަށެއްނަމަވެސް ދިރިއުޅުމަށް ގޯތި ދޫކޮށް މިހާރު އެރަށުގެ ބިން ވަނީ އެއްކޮށް ފުރިފައެވެ. އެރަށަކީ 30 ހެކްޓަރަށްވުރެ ބޮޑު ރަށެކެވެ. ކޮލަމާފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ.
ރަށަށް ދިމާވެފަވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަމުގެ މައްސަލަކަމަށް ކައުންސިލުން ފާހަގަކުރެއެވެ. އެހެންކަމުން ރަށަށް ބިން އިތުރުކުރެވިގެންދާއިރު، މިއީ ރަށަށް މުހިންމު ޢުމްރާނީ ވަސީލަތަކަށްވާނެކަމަށް ކައުންސިލުން ދެކެއެވެ. އެގޮތުން ރަށަށް ދިމާވެފަވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޭނުންވާ ބިން ލިބުމުގެ އިތުރުން، ރަށުގައި އިޤްތިޞާދީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މުހިންމު ފުރުޞަތުތަކެއް ފަހިވާނެއެވެ.
އެމްޓީސީސީން ވިދާޅުވީ މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށެވެ.