އަންނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްޙީ ދާއިރާއަށް ވަށާޖެހޭ ތަރައްޤީއެއް ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ޅ. އަތޮޅު ރައްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ނައިފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަންނަ އަހަރަށް ކަނޑައަޅާ ބަޖެޓު ހުށަހެޅުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށާއި ބަޖެޓް އޮންނަވާ ގޮތް މިހާރު ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ބަޖެޓުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދައިރާއަށް އިންވެސްޓް ކުރެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިިއެވެ. އަދި މިއީ އިޤްތިޞާދީ ގޮތުން އަދި އިޖްތިމާޢި ގޮތުންވެސް ޤައުމަށް ކުރިއެރުވުން ހޯދުމަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" ބަލިތަކުން ދުރުވެފައިވާ ތިބި ނުވަތަ ހުށަނޭޅޭ މުޖްތަމަޢެއް އޮތުމަކީ މުހިންމު ކަމެއް. މިއަންނަ އަހަރުގެ ބަޖެޓުގެ އެންމެ އިސްކަމެއް ދޭ ދައިރާއަކީ ސިއްޙީ ދައިރާއަށް. އޭގެ ތެރޭގައި ޕްރިވެންޓިވް ހެލްތު ކެއަރ އަދި ކިއުރޭޓިވް ހެލްތު ކެއަރއަށްވެސް ހިމެނޭނެ. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވެސް ބަލިތަކުން ދުރުހެލިވެފައިވާ މުޖްތަމަޢުއެއް ބިނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޕްރިވެންޓިވް ހެލްތު ކެއަރގެ އެންމެ މުހިންމު އެއް ޕްރޮގްރާމު ކަމުގައިވާ ޖެނެރޭޝަނަލް ބޭން އަކީ ރައްކާތެރި މުޖްތަމަޢުއެއް ބިނާކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.އަދި ދޮށީ އުމުރުގެ މީހުންނަށް ޤާނޫނުން ދުންފަތް މަނާ ނުކުރިނަމަވެސް އެކަމަށް ހުރަސްތަކެއް ސަރުކާރުން ކުރިމަތިކޮށްފައިވާކަމަށާއި، އެކަމުގެ ހެޔޮ ބަދަލު ފެންނަން ފަށާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެގޮތަށް ވޭޕް މަނާކުރުމަކީވެސް ޕްރިވެންޓިވް ހެލްތުކެއަރގެ އެންމެ މުހިންމު އެއް ޕްރޮގްރާމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސިއްޚީ ދާއިރާ ތަރައްޤީކުރަނީ ވަށާޖެހޭ ގޮތަށްކަމަށާއި، ސަރުކާރުން ކުރާ އިންވެސްޓްމެންޓުގެ އެންމެ ބޮޑު ބޭނުމަކީވެސް ބޮޑެތި ޚަރުދުތައްކޮށް ސިއްޚީ ފަރުވާއަށް ބޭރަށް ދާންޖެހޭ ޖެހުން މަދުކުރުންކަމަށެވެ.
"ބަލިތަކުން ދުރުވުމާއި، ބަލިތައް ޖެހުނީމަ އެކަމަށް ފިޔަވަޅު އެޅުން ދެދައިރާއަށްވެސް ސަރުކާރުން އިންވެސްޓް އެބަކުރަން. މިއަންނަ އަހަރު މިދެންނިވިހެން ރާއްޖެއިން ބޭރަށް އާސަންދައިން އަދި އެހެނިހެން ގޮތްގޮތުން ޚަރަދުކޮށްގެން ވަރަށް ދަތި ހާލުގައި މި ބޭރަށް ދާން ޖެހޭ ދިއުން މަދުކޮށް ރާއްޖޭގައި، މާލެ އަތޮޅުތަކުގައި ހޮސްޕިޓަލްތަކުގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ޚިދުމަތް ލިބޭ ގޮތް ޤާއިމްުކުރުމަކީ އަޅުގަނޑު ހިތުން ރައްޔިތުންނަށްޓަކައި ސަރުކާރަކުން ކޮންމެހެން ކުރަންޖެހޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށުގައި ފަށާ ޢުމްރާނީ ތަރައްޤީގެ މަސައްކަތަކަކީ އަތުން ހިފޭ، އަދި ފެންނަން ހުންނަ ތަރައްޤީގެ މަޝްރޫޢުތަކަށްވާއިރު، ސިއްޙީ ދާއިރާއަށް ސަރުކާރުން ކުރެވޭ އިންވެސްޓްމެންޓަކީ ރައްޔިތުންނަށް އޭގެ ފައިދާ އިޙްސާސް ކުރެވޭނެ ކުރިއެރުންތަކަކަށް ވާނެކަމަށެވެ.