ދ.މާއެނބޫދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫޢަކީ2023ވަނަ އަހަރު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މިމަޝްރޫޢުގެ ދަށުން އެކުންފުންޏާ ހަވާލުކޮށްފައިވަނީ ރަށަށް 15 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތެވެ. އެމްޓީސީސީން ވިދާޅުވީ ރަށުގެ ބިން ހިއްކުމުގެ މަސައްކަތްތައް ސައިޓުގައި މިހާރު ޢަމަލީގޮތުން ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު ކުރަމުންދަނީ ހިއްކަން ސަރަޙައްދުގެ އިން ފަޅުތެރެއިން ވަކިކުރުމަށް ބައުންޑް ވޯލް ޖެހުމުގެ މަސައްކަތެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 76.76 މިލިޔަން ރުފިޔާއަށެވެ.
މާއެނބޫދޫއަކީ ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. 30 ހެކްޓަރުގެ އެ ރަށުގެ ބިން ވަނީ ވަރަށް ބޮޑަށް ފުރިފައެވެ. އެހެންކަމުން އިތުރަށް ގެދޮރު ދޫކުރުމަށާއި، އިޤްތިޞާދީ މަސައްކަތްތައް ރަށުގައި ހިންގުމަށްވެސް އެރަށުގައި މިހާރު ބިމުގެ ޖާގައެއް ނެތެވެ.
މި މަޝްރޫޢާއެކު، ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލު ލިބި، ރަށުން އިތުރަށް ބޯހިޔާވަހިކަމަށް ބިން ދިނުމުގެ މައްސަލައަށް ޙައްލު ލިބިގެން ދާނެއެވެ.
Project Update: Design and Build of Dredging and Reclamation Works of Dh. Maaenboodhoo
— MTCC Plc (@MTCCPlc) October 20, 2025
Sand bund work is currently ongoing.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/DzY5c1p2dv
މިއަހަރުގެ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މާއެނބޫދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކޮށްދެއްވާނެކަމަށްވަނީ ވިދާޅުވެފައެވެ.
އަދި މިހާރު ހިއްކަން ނިންމާފައިވާ 15 ހެކްޓަރު، 30 ހެކްޓަރަށް އިތުރުކޮށްދެއްވާނެކަމަށްވެސްވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުން ބޭނުންވާނަމަ، 2 ހެކްޓަރުގެ ބިން ވަކި ރަށެއްގެ ގޮތުގައި ހިއްކައިދޭނެކަމަށްވެސް ވިދާޅުވިއެވެ.