ޚަބަރު

މަޝްރޫޢުތަކަށް ބިން ހިއްކުން އަވަސްކުރަން ބިޔަ ޑްރެޖަރުތަކެއް، ފުރަތަމަ ޑްރެޖަރު އަންނަ މަހު ގެންނަނީ


  • އެމްއޭސީއެލްގެ ބެލުމުގެ ދަށުން ފުރަތަމަ ޑްރެޖަރު މިމަހު ފަހުކޮޅު ގެންނާނެ

  • ދެވަނަ ޑްރެޖަރު އަންނަ މަހުގެ ތެރޭގައި އަދި ތިންވަނަ ޑްރެޖަރު ޑިސެމްބަރު މަހު ގެންނަނީ

  • ރަސްމާލެ މަޝްރޫޢު އަވަސްކުރުމަށް ޑިސެމްބަރު މަހު ޑްރެޖަރެއް ގެންނާނެ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމަށް ބިޔަ ޑްރެޖަރުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ށ. ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެގޮތުން ގެންނަ ފުރަތަމަ ޑްރެޖަރު މިމަހުގެ ފަހުކޮޅު ރާއްޖެ ގެނެވޭނެކަމަށެވެ.

ރަށްރަށުގައި އެއަރޕޯޓު ތަރައްޤީކުރުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ސިނާޢީ މަސައްކަތް ކުރުމަށް ބޭނުންވާ ބިން ނެތުމަކީ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. ހަމަމިއާއެކު ރައީސުލްޖުމްހޫރިއްޔާގެ އުއްމީދީ މަޝްރޫޢު، "ރަސްމާލެ" ހިއްކުމުގެ މަސައްކަތްވެސް ސަރުކާރުންވަނީ މިހާރު ފައްޓަވާފައެވެ. މާލެ ސަރަޙައްދާއި، ރަށްރަށުގައި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ޢިއުލާންކުރައްވާ އެކި މަރުޙަލާތަކުގައި މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

އެމަނިކުފާނުގެ ދަތުރުފުޅުތަކުގައި އެންމެ ގިނަ އެއަރޕޯޓު ތަރައްޤީކުރުމަށް މިފަހުން ޙަވާލުކުރެއްވި އެއް ކުންފުނިކަމަށްވާ، އެމްއޭސީއެލްގެ ދަށުން 3 ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ބޭރުގެ 2 ކުންފުންޏަކާއެކު އެގްރީމަންޓު ހެދިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުރަތަމަ ޑްރެޖަރު މިމަހުގެ ފަހުކޮޅު އަންނާނެކަމަށެވެ. އެގޮތުން 11000 ޓަނުގެ ޑްރެޖަރެއް ގެނެސް އެންމެ ފުރަތަމަ ކުރުމަށް ހަމަޖެހިފައިވަނީ ތ.ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢުކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ މަހުގެ މެދުތެރޭގައި 45،000 ޓަނުގެ ހޮޕަރ ޑްރެޖަރެއް ގެންނާނެކަމަށާއި އެ ޑްރެޖަރުން އެންމެ ފުރަތަމަ ހިއްކާނީ ރަސްމާލެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތިންވަނަ ޑްރެޖަރު މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިޑްރެޖަރުން ފުރަތަމަ ހިއްކާނީ ހއ. ދިއްދޫ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް. ދެހަފްތާ ނުވަތަ ގިނަވެގެން 3 ހަފްތާ ތެރޭގައި އެމަސައްކަތް ނިމޭނެ. ނިމޭގޮތަށް ށ. އަތޮޅަށް އަންނާނީ. ފަހަރަކު ރަށެއްގައި މިހާރު ހިއްކަން ހުރި ބިން ހިއްކުމުގެ މަސައްކަތްކުރާނެ. ދެންދާނީ މާލެ އަތޮޅުގައި ހަވާލުކޮށްފައި ހުރި މަސައްކަތްކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމްއޭސީއެލުން އެހެން ކުންފުންޏަކާއެކުވެސް ޑްރެޖަރުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ހުޅުމާލޭ ފޭސް 3 އާއި ގިރާވަރުފަޅާއި، އުތުރުތިލަފަޅު ހިއްކުމަށް އިތުރު ޑްރެޖަރުތަކެއް ގެނައުމަށް އެގްރީމަންޓް އެކުލަވާލާފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށްރަށުގައި ތަރައްޤީގެ މަސައްކަތް ކުރަމުންދަނީ ވަރަށް ބޮޑަށް ރޭވިގެން ގިނަ އިދާރީ މަސައްކަތްތަކެއް ކުރެވިގެންކަމަށެވެ.