އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި ކުރިއަށްއޮތް އެއްހާސްވަނަ ޤަރުނުގެ ތެރޭ ރާއްޖޭގައި އިސްލާމީ ޢަޤީދާ ބިނާކުރާނެ ވަރުގަދަ ލީޑަރޝިޕެއް މިޤައުމުގައި ބިނާކުރުމަކީ ސަރުކާރުގެ އަދުގެ އަމާޒުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުއްޖެއެވެ.
ވަޒީރު ވިދާޅުވީ މިއިން ޒަމާނަކު ކީރިތި ޤުރުއާނަށް ސަރުކާރު ފެންވަރުގައި ނުދެވޭ ވަރުގެ އިސްކަމެއް މިހާރު ދެމުންދާކަމަށެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ ރާއްޖޭގައި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނަށް އަންނަމުންދާ ބަދަލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބިގެން މިވޭތުވެދާ 900 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކީރިތި ޤުރުއާން ފެތުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަމުންދަނީ މި ދުވަސްވަރުކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގައި 24 ޙާފިޒުން ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާއިރު އަންނަ އަހަރު މިޢަދަދު 50 ޙާފިޒުންނަށް އިތުރުކުރެވޭނެކަމަށެވެ. ސަރުކާރުގެ އަމާޒަކީ މިދައުރު ނިމިގެންދާއިރު ޤުރުއާން ހިތުދަސް 500 ޙާފިޒުން އަދި 1000 ޒުވާން ޚަޠީބުން ތަމްރީނުކޮށް އެއީ 900 އަހަރުގެ ދިވެހި އިސްލާމީ ތާރީޚަށް ހެދުންކަމަށެވެ. ވަޒީރު ވިދާޅުވީ މިއާއެކު ކުރިއަށް އޮތް ޤަރުނުގެ ތެރޭގައި ރާއްޖޭގައި އިސްލާމީ ވަޙުދަތު ފުޅާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރާނެ ވަރުގަދަ ލީޑަރޝިޕެއް ބިނާކުރެވޭނެކަމަށެވެ.
"ދިވެހިރާއްޖެ މިދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކޮށް 900 އަހަރުގެ ދިވެހި އިސްލާމީ ތާރީޚަށްވެ އެއްހާސްވަނަ ޤަރުނުގެ ތެރެއަށް ދިވެހި އިސްލާމީ ތާރީޚުގެ ތެރެއަށް ވަދެގެންދާއިރު ޖެހިގެން އަންނަ ޤަރުނަށް ދިވެހިރާއްޖޭގެ އިސްލާމީ ޢަޤީދާ ވާޞިލުކޮށްދޭނެ ވަރުގަދަ ސަފެއް ލީޑަރޝިޕެއް މިޤައުމުގައި ބިނާކުރުން އަޅުގަނޑުމެންގެ އަމާޒަކީ." ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ ކޮންމެ ދައުރެއްގައިވެސް ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތަށް އެއިރެއްގެ ފެންވަރުން ކުރިއެރުން ގެނައުމަށް މަސައްކަތް ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މިއަދު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެކު، އަގު ބޮޑެތި އިނާމުތަކާއެކު މުޅި މުބާރާތުގެ ޝަރަފު އެތައް ގޮތަކުން މަތިވެފައިވާކަމަށެވެ.
އެގޮތުން މުބާރާތުގެ ވަނަތަކަށް ދޭ ފައިސާގެ އިނާމުގެ އަގު ބޮޑުވުމާއި، މުބާރާތުން ޝަރަފުވެރި އެއްވަނަ ހޯދާ ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން ޤައުމަކުން ކިޔެވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން ލިބިގެންދިޔުމާއެކު ފެށިގެން މިދަނީ ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނުގައި ރާއްޖޭގައި މުޅިން އައު ސަފްޙާއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ކީރިތި ޤުރުއާނަށް މިދައުރުގެ ތެރޭގައި ދެވެމުން މިދާ އިސްކަމާއި އަންނަމުންދާ ކުރިއެރުން ދެމެހެއްޓުމަށް ކީރިތި ޤުރުއާނުގެ ހިދާތުގެ އަލީގައި މަސައްކަތް ކުރަންޖެހޭކަމަށެވެ. އެހެންކަމުން ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް ފަންޑާއެކު ކުރިއަށް އޮތްތަނުގައި ފީދައްކައިގެން ޤުރުއާން ކުލާސްތަކަށް ދާ ދަރިވަރުންގެ ފީ ހަމަޖެހިގެންދާނީ އެފަންޑުގެ ތެރެއިންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނަ ލިބުނު ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރައްވާ ވަނަ ނުލިބޭ ދަރިވަރުންނަށްވަނީ ހިތްވަރު ދެއްވާފައެވެ. އެގޮތުން ކީރިތި ޤުރުއާނުގައި ބައިވެރިވުމުގެ ފުރުސަތަކީ ކުޑަކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި އެއީވެސް ބޮޑު ޝަރަފެއްގެ ގޮތުގައި ދެކިގެން އިތުރަށް މަސައްކަތްކުރުމަށްވަނީ އެދިވަޑައިގަންނަވާފައެވެ.