ކުނބުރުދޫގައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުނބުރުދޫ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަދު ކުނބުރުދޫގައި އަލަށް ފެށުނު މަޝްރޫޢުތަކާއި ސޮއިކުރެވުނު މަޝްރޫޢުތަކަކީ އެރަށުގެ ކުރިއެރުމަށް ވަރަށް މުހިންމު މަޝްރޫޢުތަކެއްކަމަށެވެ. އަދި މިއިން ކޮންމެ މަސައްކަތެއްވެސް ވަރަށް ޚާއްސަ ސަމާލުކަމެއްދެއްވައިގެން ސަރުކާރުން ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ކުނބުރުދޫގެ ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފައެވެ.
"އިރާދަކުރެއްވިއްޔާ މިމަޝްރޫޢުތައް މިހިންގަނީ މިރަށަށް ފުރިހަމަ ކުރިއެރުން ގެނެސްދިނުމަށް. އަޅުގަނޑުމެންގެ ސިޔާސަތަކީ އާބާދީ ކުޑަވިޔަސް ތަފާތުކުރުމެއްނެތި ކަންކަން ކޮށްދިނުން."
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުނބުރުދޫއަކީ އައަތޮޅުގެ ނިސްބަތުން އެންމެ ބިން ކުޑަށް ރަށަށްވުމާއެކު އަލަށް އިތުރުކުރެވޭ ބިމާއި ބަނދަރުގެ މަޝްރޫޢާއެކު ބޯހިޔާވަހިކަމާއި އެހެނިހެން ދާއިރާތަކުންވެސް ރަށުގެ ރައްޔިތުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށެވެ.
ރައީސް ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫޢު ނިމެންވާއިރަށްވެސް ރަށުގައި ބިމުގެ ޖާގައޮތް މިންވަރަށް ބެލުމަށްފަހު، އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުނބުރުދޫގައިވެސް ހިންގަވައިދެއްވާނެކަމަށެވެ.
"ބިން ހިއްކެންވާއިރަށްވެސް ރަށުގައި މިހާރު އޮތް ބިމުން ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން ޖާގަ އޮތް މިންވަރެއް ބަލައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މިރަށުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގައިދޭނަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުނބުރުދޫ ބިން ހިއްކުމާއި ބަނދަރުގެ އަމަލީ މަސައްކަތް އަންނަމަހުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ގިނަވެގެން އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"މިރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަން މިޖެހެނީ އެހެން ސަރަޙައްދަކުން ވެލިނަގައިގެން ގެނެސް އަޅާގޮތަށް. އެހެންކަމުން އެކަމަށް ޚާއްސަ ހޮޕަރ ޑްރެޖަރެއް ގެންނަން މިޖެހެނީ. އަންނަމަހު ބިން ހިއްކުމާއި ބަނދަރުގެ އިނީޝިއަލް މަސައްކަތްތައް މިފެށޭ ނޮވެމްބަރުގައި ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކުނބުރުދޫގައި އަލަށް ހުޅުވުނު ފުޓުބޯޅަ ދަނޑާއި މަލްޓިޕަރޕަސް ކޯޓުގެ ސަބަބުންވެސް ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ކުނބުރުދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި އައު އިމާރާތުގެ މަސައްކަތާއި ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. އަދި ކުނބުރުދޫގެ ބައެއްގެ ގޮތުގައި "ފޮފަޅަގައު" ފަޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިދެއްވާފައިވާތީ އެތަން ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.
600 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކުނބުރުދޫއަކީ ގާތްގަނޑަކަށް 5 ހެކްޓަރުގެ ކުޑަ ރަށެކެވެ. މިއީ މިއަތޮޅުގެ ނިސްބަތުންވެސް އެންމެ ބިން ކުޑަ ރަށެވެ. މި ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކުރަމުންދަނީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރުމާއި ފަރުމަހާއި ކަންނެލި މަސްވެރިކަމެވެ.