ޚަބަރު

ޕަބްލިކް ވަރކްސް ޔުނިޓުތަކާއެކު މެއިންޓަނަންސް ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެ: ރައީސް


  • އދ. އަތޮޅުގެ 2 ރަށެއްގައި ޕަބްލިކް ވަރކްސް ޔުނިޓު ގާއިމުކުރާނެ

  • އަތޮޅުގެ ހުރިހާ ރަށެއްގެ މެއިންޓަނަންސް މަސައްކަތް ކުރާނީ މި ޔުނިޓުތަކުން

ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ޕަބްލިކް ވަރކްސް ޔުނިޓުތައް ގާއިމުކުރުމުން އެކި މަޝްރޫއުތަކުގެ މެއިންޓަނަންސަށް ދާ ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓް ގާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، އދ. މަހިބަދޫގައި އެ ޔުނިޓު ގާއިމުކުރަން ކަނޑައަޅާފައި އޮތް ނަމަވެސް އެ އަތޮޅުގެ މާމިގިލީގައިވެސް އެ ޚިދުމަތް ގާއިމުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާމިގިއްޔާއި މަހިބަދޫގައި ޕަބްލިކް ވަރކްސް ޔުނިޓުތައް ގާއިމުކުރެވުނު ނަމަވެސް އެއީ މުޅި އަތޮޅުގެ ހުރިހާ ރަށެއްގައި ޚިދުމަތް ފޯރުކޮށްދޭނެ ޔުނިޓުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ، މި ޔުނިޓުތަކާއެކު މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތްތަކަށް ދާ ޚަރަދު އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މަގުތައް މެއިންޓަނަންސް ކުރުން ނުވަތަ އެހެން ނޫނަސް ކުރަން ހުންނަ މެއިންޓަނަންސް މަސައްކަތްތައް ސަރުކާރުން އަބަދު ކޮންޓްރެކްޓަރުން ހޯދައިގެން އަގުބޮޑުކޮށް ކުރުމަށް އެދާ ޚަރަދުތައް ނިމޭނެ. ޕަބްލިކް ވަރކްސް ޔުނިޓުތަކަކީ ސަރުކާރުގެ އޮފީހެއް. އެތަން ގާއިމުވެގެންދިޔައީމަ ވަރަށް ބޮޑުތަނުން މެއިންޓަނެންސް ކޯސްޓް ކުޑަވެގެންދޭ. އެއީ ސަރަހައްދީ ގޮތެއްގައި ބޭނުންކުރާ ނިޒާމެއް،" ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާމިގިލީގައި ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމަށް ނިންމަވާފައިވާ ކަމަށާއި، އެ ޚިދުމަތް މިއަހަރު ނިމެންވާއިރަށް ގާއިމުކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މާމިގިލީގައި ވެމްކޯގެ ޚިދުމަތާއި ޕަބްލިކް ވަރކްސް ޔުނިޓު ގާއިމުކުރެވިގެންދިއުމުން ވަޒީފާގެ ފުރުސަތުތައްވެސް ފަހިވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެކި ދާއިރާތަކުން ރަށަށް ކުރިއެރުން ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.