އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑޫ، ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މިއަދު ނިންމަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ނިންމެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުންނެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެދަށުން ރައީސުލްޖުމްޙޫރިއްޔާ އެއްވެސް ކަމެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވަން ހުށަހަޅުއްވާނަމަ އެކަން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ޤަރާރަކުން ކަނޑައަޅަންވާނެއެވެ. އެއަށްފަހު އިންތިޚާބު ބޭއްވުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް އެ އަތޮޅުގެ ހުޅުދުއާއި މީދުއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ ތިން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅައިފައިވާތީއެވެ. އެހެންވެ، އެކަމުގައި އައްޑުއަތޮޅު ހުޅުދޫއާއި، މީދޫއާއި އަދި އެތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހުރި ގޮތެއް ހޯދުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްޙޫރިއްޔާގެ ޤަރާރުގެ ދަށުން ތިން ރަށުގެ ރައްޔިތުންގެ މެދުގައި ވޯޓު ނެގުމަށް ސުވާލުތައް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ހުޅުދޫ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ އެ ރަށަށް ޚާއްސަކުރެވިގެން ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ.
މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ހުށަހެޅުއްވާފައިވަނީ މީދޫއަށް ޚާއްޞަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ. އަދި ފޭދޫގެ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ ފޭދޫއަށް ޚާއްޞަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯއެވެ.
މި ޤާރާރާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކަންކަންކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައެވެ. އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، މި މަހުގެ 24ވަނަ ދުވަހު ނުވަތަ 25ވަނަ ދުވަހު ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.