މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ދަށުން އެކުލަވާލާ ޤައުމީ ޑްރަގް ޕޮލިސީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ގުޅުންހުރި ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު އެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.
މިސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅުންހުރި ޤައުމީ ސިޔާސަތު އެކުލަވާލުމަށް އެކުވެރި ދައުލަތް، އދ.އާއެކު މަސައްކަތް ކުރެވި އިނީޝިއަލް ޑްރާފްޓެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ޖަމްޢިއްޔާއާއެކު އެކުލަވާލި ޑްރާފްޓަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެކަނި ބަލައިގެން އެކުލަވާލާފައިވާ ޑްރާފްޓެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރާއި ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކަށް ރިޢާޔަތްކޮށް އެ ޑްރާފްޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އަދި މިހާރު އެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ ސްޓޭޝަންތަކުން އެކަމަށް ބޭނުންވާ މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް އަންނަ މަހުގެ 30ވަނަ ދުވަހުގެ ކުރިން ނިންމުމަށް ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި، އެކަމުގެ ހާލަތު ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ހެދުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު ސަރުކާރުން ވަނީ ފަށްޓަވާފައެވެ. މިއީ ހާލަތު ދެނެގަތުމުގައި، ފަރުވާގެ ނިޒާމު ބައްޓަށްކުރަންވީ ގޮތް ދެނެގަތުމުގައި މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްޓަޑީއެކެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުދަނާ މަސައްކަތްތައް ކުރުމަށް ސަރުކާރުން ދަނީ މުހިންމު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ.