ބަންގްލަދޭޝްގެ އައު ސަފީރު، މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.
ބަންގްލަދޭޝްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނަޒްމުލް އިސްލާމް މަގާމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާވާފައެވެ. އެގޮތުން، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ، ހަތްކޮޅުގައި، ރަސްމީ ޢިއްޒަތުގައި، ބެރުދުންމާރިތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ.
ބަންގްލަދޭޝްގެ ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.
ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ސަފީރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ޒަމާންވީ ރަހުމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދެ ޤައުމުގެ ގުޅުމަކީ އެއް ޤައުމު އަނެއް ޤައުމަށް ދެއްވާ އެއްބާރުލުމާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގާތް އެކުވެރިކަމުގެ މައްޗަށް އުފެދިފައިވާ ގުޅުމެއް ކަމަށް ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދަނޑުވެރިކަމާއި އިގްތިސާދީ ތަރައްގީ އާއި މަތީ ތަޢުލީމާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22ވަނަ ދުވަހުއެވެ.