ދިވެހިބަހުގެ އެކެޑަމީ ހިންގަމުން އަންނަ އިމާރާތުގެ އާބާތުރަ ފިލުވައި ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ
ދިވެހިބަހުގެ އެކެޑަމީ ޒަމާނީ ފެންވަރަށް މި އަހަރުތެރޭ މަރާމާތުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަަދު މުޢިއްޒު ވިދާޅުވީ 14 މެއި 2025ގައި ދިވެހި ބަހުގެ އެކަޑެމީއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި އެކަޑެމީގެ މުވައްޒަފުންނާ ބައްދަަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެކެޑަމީގެ އިމާރާތުން ފާހަގަކުރެވޭ މައްސަލަތަކުގެ ތެރޭގައި ބައެއް ދިމަދިމާއަށް ވާރޭ ހިޔާނުވުމާއި ބިތްތަކުން ބައެއް ކަހަލަ ކެމިކަލް ފާއްދަމުން ދިޔުމާއި، އަދި ކަރަންޓު ފުރިހަމައަށް ނުލިބުމާއި ބައެއް ދިމަދިމާއިން ފަންގިފިލާ ވެށްޓިފައިވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރަށް ކަރަންޓު ޝޯޓުވުމުގެ ސަބަބުން ބައެއް ކަހަލަ ނުތަނަވަސް ހާލަތްތައް ކުރިމަތިވެފައިވެއެވެ.
ދިވެހިބަހުގެ އެކެޑަމީއަކީ ދިވެހި ގައުމިއްޔަތާއި ސަގާފަތް ދިރުވައި، ދިވެހިބަސް ކުރިއެރުވުމުގެ މަސައްކަތްތައް ކުރުމަށްޓަކައި 8 އޯގަސްޓު 2011ގައި އުފެއްދެވި މުއައްސަސާއެކެވެ. ނަމަވެސް، ރާއްޖޭގައި އުފެދުނު ބައެއް ސަރުކާރުތަކުން މި މަރުކަޒަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާތީ، އެމަރުކަޒު ހިންގަމުންދާ އިމާރާތްވަނީ މުވައްޒަަފުންގެ ޞިއްޙީ ރައްކާތެރިކަމަށް ހުރަސް އެޅޭ ހިސާބަށް ވީރާނާވެފައެވެ.
މި ސަބަބުތަކާހުރެ، މި އިމާރާތަކީ އިންސާނުންނަށް މަސައްކަތްކުރަން އެކަށީގެން ނުވާ ވަރުގެ މާޙައުލަކަށް ބަދަލުވެ، އެކަޑަމީގެ މަސައްކަތްތަކަށްވަނީ ވަރަށް ބޮޑަށް ބުރޫއުއަރާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ފުރަތަމަ އަހަރުވެސް އެމަނިކުފާނުވަނީ މި އިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރަމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
ދިވެހިބަހާ ސަގާފަތާ ތަރިކައާއި ބެހޭ ވުޒާރާއިން މިހާރު ފަށާފައިވާ މި މަސައްކަތުގެ ސަބަބުން، ދިވެހިބަހަށް ޚިދުމަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ދިވެހިބަހުގެ އެކަޑަމީއަށް އަލުން އާރޯކަމެއް ގެނެސް، ދިވެހިބަސް ކުރިއެރުވުމުގެ މަސައްކަތްތައް އިތުރު ހަލުވިކަމާއެކު ކުރިއަށްގެންދެވޭނެކަމަށް އުންމީދުކުރެވެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި ދިވެހިބަހުގެ އެކެޑަމީ މަރާމާތުކުރުމުގެ މަސައްކަތް 1 ޑިސެންބަރު 2025އަށް ނިމޭނެއެވެ.