ދެ ޤައުމުން މަޞްލަޙަތު ހިއްސާކުރާ ކަންކަމާމެދު ސްރީލަންކާގެ ސަފީރާއެކު ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާ ކުރައްވައިފިއެވެ.
ދެ ބޭފުޅުންގެ މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ލަންކާގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަސް ބޭއްވި ރަސްމިއްޔާތަށްފަހުއެވެ.
ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މުޙައްމަދު ރިޒްވީ ޙަސަން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް، ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ، ހަތްކޮޅުގައި، ރަސްމީ ޢިއްޒަތުގައި، ބެރުދުންމާރިތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ.
ސްރީލަންކާގެ ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.
ރަސްމިއްޔާތަށްފަހު، ދެ ބޭފުޅުން ވަނީ، ވިޔަފާރިއާއި އިޤްތިޞާދާއި، މޫސުމީ ބަދަލުތައް ފަދަ، ދެ ޤައުމުން މަޞްލަޙަތު ހިއްސާކުރާ ކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. އަދި ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ދެ ޤައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމުގައި ކުރެވިދާނެ އިތުރު މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.