ޚަބަރު

ދުނިޔޭގެ ޖަނަވާރުންގެ ދުވާހާ ގުޅުވައިގެން ފޯރަމެއް ބާއްވަނީ


  • 4 ޕެނަލިސްޓުން އެކުލެވޭ މި ފޯރަމަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ފޯރަމެއް

  • ފޯރަމް ބޮޑަށް އަމާޒުކޮށްފައިވަނީ ބުޅަލާއި ދޫނި ފަދަ ތަކެތި ގެންގުޅޭ ފަރާތްތަކަށް

ދުނިޔޭގެ ޖަނަވާރުންގެ ދުވަހާ ގުޅުވައިގެން ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރ މަހުގެ 4 ވަނަ ދުވަހުއެވެ.

ޕީއެސްއެމްގެ ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަދައްކަމުން ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވެޓިނަރީ އެސިސްޓެންޓު ފާތިމަތު ތައުބާ ހާނިފް ވިދާޅުވީ މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިންސާނުންގެ ދިރިއުޅުމާއި ދިރިހުރުމަށް ޖަނަވާރުން އަދާކުރާ މުހިންމު ދައުރު އަންގައިދިނުންކަމަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައިވެސް އޮޅުކޮށްގެން ޖަނަވާރުން ގެންގުޅުން މިހާރު އާންމުވެފައިވާކަން ފާހަގަކުރައްވާ ތައުބާ ވިދާޅުވީ، ދިރޭތަކެތީގެ ހައްޤުތައް ހިމާޔަތްކޮށް އެތަކެއްޗަށް ހެޔޮކޮށް ހިތުމަށް ބާރުއެޅުމަކީވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ބޭނުމެއްކަމަށެވެ.

ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޖަނަވާރުން ގެންގުޅުމުގައި އާންމުންގެ ހޭލުންތެރިކަން އަދިވެސް އިތުރުކުރަންޖެހޭކަމަށެވެ. ވަކިން ޚާއްސަކޮށް ސިއްޙީގޮތުން އެނގުން މުހިންމު މަޢުލޫމާތުތަކާއި، ޤަވާއިދުން ވެކްސިންކުރުން ފަދަ ކަންކަމަށް އާންމުން ސަމާލުވާންޖެހޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ ޖަނަވާރުން ގެންގުޅުމުގައި ސަމާލުވެ ރައްކާތެރިވާންޖެހޭ ކަންކަމާގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޚާއްސަ ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މި ފޯރަމް ބޮޑަށް އަމާޒުކޮށްފައިވަނީ ބުޅަލާއި ދޫނި ފަދަ ތަކެތި ގެންގުޅޭ ފަރާތްތަކަށްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ފޯރަމް ބާއްވާނެ ތާރީޚެއް ފަހުން އާންމުކުރާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ދުވަހާއި ގުޅިގެން ކުރެހުމުގެ މުބާރާތެއްވެސް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. ދުވަހާއި ގުޅުވައިގެން ޚާއްސަ ފެއަރ އެއްވެސް ވަނީ ބާއްވާފައެވެ. މި ފެއަރގައި ޖަނަވާރުންނާއި ގުޅުން ހުރި އެކި ޖަމްޢިއްޔާތަކުން ބައިވެރިވެފައިވާއިރު، ޖަނަވާރުންނާ މެދު ހޭލުންތެރިކަން އިތުރުކޮށް އެކި މައުލޫމާތުތައް ފޯރުކޮށްދީފައިވެއެވެ.

ޖަނަވާރުންގެ ދުވަސް ރާއްޖޭގައި އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ މިދިޔަ އަހަރެވެ.