ޚަބަރު

މަހާޖައްރާފު މަރާމާތު ކުރުމުގައި އިހުމާލުވެފައިވާ މައްސަލަތަކެއް އޭސީސީއަށް


  • މަހާޖައްރާފު މަރާމާތު ކުރަން އިތުރަށް ޚަރަދުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައި

  • ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާ މައްސަލައެއްވެސް ވަނީ ފާހަގަކުރެވިފައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ މަހާޖައްރާފު މަރާމާތު ކުރުމުގައި އިހުމާލުވެފައިވާ މައްސަލަތަކެއް ތަހުގީގުކުރަން އެ ކުންފުނިން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހުށަހަޅައިފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ކުންފުނިން ބިން ހިއްކުމަށް ގެންގުޅޭ އެންމެ ބޮޑު ކޮންނަ ބޯޓު ކަމަށްވާ، މަހާޖައްރާފަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގައި ކޮޮރަޕްޝަނަށް މަގުފަހިވާގޮތަށް ޚަރަދުކޮށްފައިވާކަން އިންޓަރނަލް އޮޑިޓަށާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން، 2022ވަނަ އަހަރު ދުބާއީގެ ޑޮކްޔާޑުގައި މަހާޖައްރާފު މަރާމާތު ކުރުމަށް އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އެމްޓީސީސީން ވިދާޅުވީ މި މައްސަލައަކީ ސީރިއަސް މައްސަލައެއް ގޮތުގައި ބަލައި، ކުންފުނީގެ ޤަވައިދުތަކާއި އުޞޫލާތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަންކަން ތަހުގީގުކޮށްދިނުމަށްއެދި އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ އޮޑިޓް ރިޕޯޓުތަކުން ފާހަގަވި މައްސަލަތައް ތަހުޤީޤު ކުރުމަށް ކަމާބެހޭ އިދާރާތަކަށް އެމްޓީސީސީން ހުށަހަޅާފައިވާނެކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، އެކުންފުނީގެ ވޭތުވެ ދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓުތަކުން ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަވެސް ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކުން އެ ފައިސާ ހިއްސާދާރުންނަށް ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކަށް އެދިފައިވާކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ. އަދި ކުންފުނީގެ ހިއްސާދާރުންނަށް އިހުމާލުވެފައިވާ މައްސަލަ ތަހުގީގުކޮށް ޝަރީޢަތުގެ ކުރިމައްޗަށް ގެންނަންޖެހޭ މީހުން ގެނައުމަށް ކުންފުނިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

1981ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެދުނު އެމްޓީސީސީއަކީ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖްތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުތެރޭގައި، އެމްޓީސީސީން ވަނީ ރާއްޖޭގެ އެންމެ ބޮޑު ސިވިލް އަދި މެރިން ކޮންޓްރެކްޓަރަށް ވެފައެވެ. އަދި އެއްގަމާއި ކަނޑުގެ މަގުން ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަށް އެކުންފުނިން ވަނީވެފައެވެ.