ޚަބަރު

ކުރީގެ ވަޒީރު ޑރ. ރަމީލާ އެޗްއާރުސީއެމަށް އައްޔަން ކުރައްވަނީ


  • އެޗްއާރުސީއެމްއަށް މެންބަރަކު އައްޔަން ކުރައްވަނީ މުނާގެ މަގާމުގެ މުއްދަތު ހަމަވާތީ

ހިޔުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއަށް މި ސަރުކާރުގައި އައްޔަން ކުރެއްވި ފުރަތަމަ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރައްވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ. އެޗްއާރުސީއެމަށް މުނާ އައްޔަން ކުރައްވާފައިވަނީ 30 ނޮވެމްބަރު 2020ގައެވެ. އެހެންކަމުން މުނާގެ 5 އަހަރު ދުވަހުގެ ދައުރު އަންނަ މަހުގެ 30އަށް ހަމަވާނެއެވެ.

ޤާނޫނުގައި ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހުސްވެއްޖެނަމަ ނުވަތަ މަގާމުގެ މުއްދަތު ހަމަވާނަމަ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވަންޖެހޭނެއެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ މި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވައި މަޖިލީހުން ފާސްވުމަށްފަހުއެވެ.

ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެޗްއާރުސީއެމަށް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ ޑރ. ޢާއިޝަތު ރަމީލާގެ ނަންފުޅެވެ. އެ ނަން ދިރާސާކުރެއްވުމަށް މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވާފައެވެ.

ޑރ. ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ވަޒީރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެޗްއާރުސީއެމަކީ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މުއައްސަސާއެކެވެ. އެ މުއައްސަސާގައި މިހާރު ތިއްބަވަނީ ރައީސް މަރިޔަމް މުނާ އާއި ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި މެންބަރު ސަމާއު އަހުމަދު ނަޖީބާއި އިސްމާއިލް ހަބީބް އާއި އަޙްމަދު މަޤުސޫމެވެ.