ޚަބަރު

އެންއައިސީއާއި ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީއަށް


  • ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަންގެ 4 މެންބަރުންގެ މަގާމުގެ މުއްދަތު މި މަހު ހަމަވާނެ

  • ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދެ މަގާމެއް ވަނީ ހުސްވެފައި

ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަނާއި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށް އެ މައްސަލަތަކާ ގުޅޭ ދާއިމީ ކޮމިޓީތަކަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި ހުށަހެޅުއްވީ އެ ކޮމިޝަންގެ 4 މެންބަރެއްގެ މަގާމުގެ މުއްދަތު މި މަހުގެ 26ވަނަ ދުވަހަށް ހަމަވާތީއެވެ. އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ނަންތައް ފޮނުއްވީ އާންމުކޮށް ހުޅުވާލުމަށްފަހު ކުރިމަތިލި ފަރާތްތަކުގެ ތެރެއިންނެވެ.

އެގޮތުން، އިންޓަގްރެޓީ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އަލްއުސްތާޛް ޝުޢައިބް ޢަބްދުއްރަޙްމާން އާއި އަލްއުސްތާޛް ޝިފާޒް އަލީ، އާއި އަލީ މުޙައްމަދު މަނިކު، އަދި ފާތިމަތު ޝަރީފްގެ ނަމެވެ.

މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށްވަނީ ފޮނުވާފައެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންފީޒުކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ އެ ޓްރައިބިއުނަލްގެ ދެ މަގާމެއް ހުސްވެފައިވާތީއެވެ. މީގެ ތެރެއިން އެއް މަގާމަކީ ޤާނޫނީ ދާއިރާގެ މެންބަރުގެ މަގާމެވެ. މި ދެ މެންބަރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް 7 ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް

  • އަލްއުސްތާޛް މަހާޒު އަލީ ޒާހިރު، މޭނާ ގދ. މަޑަވެލި
  • އަލްއުސްތާޛާ އާޝިޔާ އަޒީމާ، ރޯޒްވިލާ ރ. ހުޅުދުއްފާރު
  • އަލްއުސްތާޛް އިބްރާހިމް އަފީފް، ގުލްބަހާރުގެ ބ. ތުޅާދޫ
  • އަލްއުސްތާޛް ޝިފާޒް އަލީ، ރސ. 12854
  • އަލްއުސްތާޛާ ފާތިމަތު ނަޢުޝާން، ފިޔާތޮށިގެ ޅ. ނައިފަރު
  • އަހުމަދު ޔާމީން، ބީޗް ކޯނަރ ގދ. ގައްދޫ
  • އަލްއުސްތާޛާ ޝައުފާ އިބްރާހިމް އަކިރިވިލާ ދ. މީދޫ

މި ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާއެކެވެ.