ޚަބަރު

ހަމަހަމަކަން ގާއިމްކުރުމަށް ރާއްޖެއިންކުރާ މަސައްކަތްތަކަށް ޗައިނާއިން އެއްބާރުލުންދޭ: ރައީސް


  • ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްގުތައް ހިމާޔަތް ކުރުން ޗައިނާއިން ދަނީ ޗެމްޕިއަންކުރަމުން

  • ޗައިނާއަކީ ކެތްތެރިކަމާއި، ތަޞައްވުރާއި، އިންސާނީ ރޫޙުގެ ޤާބިލު ތާރީޚެއް އޮތް ޤައުމެއް

ބައިނަލްއަގުވާމީ މައިދާނުގައި ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމްކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް ޗައިނާއިން އަބަދުވެސް އެއްބާރުލުންދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޗައިނާގެ 79ވަނަ އަހަރީ ދުވަހާއި އެ ޤައުމުގެ "މިޑް އޯޓަމް" ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗައިނާގެ 79ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޝީ ޖިންގ ޕިންގއާއި ސަރުކާރަށް އަދި ރައްޔިތުންނަށް މަރުޙަބާޔާއި ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ ހިމެނޭހެން ކުދި ޤައުމުތަކުން ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަމާއި ހަމަހަކަން ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ޗައިނާއަކީ އަބަދުވެސް އެއްބާރުލުން ދެއްވާ ޤައުމެއް ކަމަށެވެ. އަދި ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްގުތައް ހިމާޔަތް ކުރުން ޗައިނާއިން ޗެމްޕިއަންކުރަމުންދާ ކަމަށާއި ހަމަހަމަކަން ގާއިމްކުރުމަށް ރައްޖެއާއެކު ކުރަމުންގެންދާ މަސައްކަތްތަކަކީ ތަޢުރީފު ޙައްގު މަސައްކަތްތަކެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ޗައިނާގެ ޒަމާންވީ ތާރީޚަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ ކެތްތެރިކަމާއި ތަޞައްވުރާއި، އިންސާނީ ރޫޙުގެ ޤާބިލު ތާރީޚެއް އޮތް ޤައުމެއް ކަމަށެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ހަމައެކަނި 2 ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކުގެ މައްޗަށް އޮތް ގުޅުމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުމަކީ ހިއްސާކުރެވޭ ތަޖުރިބާ އާއި ގާތް އެކުވެރިކަމުގެ ސަބަބުން އުފެދުނު އިތުބާރުގެ މައްޗައް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި މި ގުޅުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދު ފެންނަން ހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، މުޖުތަމަޢުތައް ގުޅުވާލަދޭ ބްރިޖާއި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގެދޮރުވެރިކަމާއި އަންނަން އޮތް ޖީލުތައް ތަރުބިއްޔަތު ކުރާ ކްލާސްރޫމްތަކަކީ ދެ ޤައުމުގެ ގުޅުމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޗައިނާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ޚިޔާރުކުރުމަކީވެސް ދެ ޤައުމުގެ ގުޅުމުގެ ރަމްޒެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ވެފައިވަނީ ދެ ޤައުމުގެ ރައްޔިތުން ގުޅުވައިދޭ ބްރިޖަކަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ގޮތުންނާއި ވިޔަފާރިއާއި ތަޢުލީމާއި ސަގާފީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.