ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފެށިގެން އައީ ދިވެހިރާއްޖޭގެ ގުޅުން ދިރާގު އުފެދުނު ހިސާބުންނެވެ. 1 އޮކްޓޫބަރު 1988ގައި ދިވެހިރާއްޖެ މުވާސަލާތީ ޚިދުމަތް އެއް ވިއުގައެއްގެ ދަށުން ގުޅާލުމުގެ މަސައްކަތް ދިރާގާ ހަވާލުކުރެވުނެވެ. ވަކިވަކި ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޖަޒީރާ ދިވެހިރާއްޖެގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެކަކު އަނެކަކާ ގުޅުވާލަދިން ކުންފުންޏަކީ ދިވެހިރާއްޖޭގެ ގުޅުން ނުވަތަ ދިރާގޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއަދު ދިރާގަށް 37 އަހަރު ފުރުނުއިރު މިވީ ދިގު ތާރީޚުގައި ދިރާގުގެ މަސައްކަތުން ރާއްޖެއަށް ވަނީ ޑިޖިޓަލް ގޮތުން އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ.
ދިރާގު އުފެދުމުގެ ކުރިން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މުވާސަލާތުކުރަމުން ދިޔައީ ވަރަށް ދަތި އުނދަގުލާއިއެކުގައެވެ. ދިރާގުން މިވީ ދިގު މުއްދަތުގައި ވަނީ ރާއްޖެއަށް އިންޖިލާބީގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްދީފައެވެ. އެގޮތުން އެންމެ ފުރަތަމަ 1988 ގައި ފޯނު ބޫތުތައް ބަހައްޓައި، ރާއްޖޭގެ 7 އަތޮޅެއްގައި ފޯނުގެ ހިދުމަތް މެދުވެރިކޮށް ރަށްތައް ގުޅާލިއެވެ.
ފުރަތަމަ 10 އަހަރުގެ ތެރޭގައި، ޓެލެފޯނުގެ ޒަރިއްޔާއިން ރާއްޖޭގެ ހުރިހާ ރަށެއް ވަނީ ގުޅާލާފައެވެ. 1996ވަނަ އަހަރު އިންޓަރނެޓްގެ ހިދުމަތް ދުނިއަށް ތައާރަފްވުމާއެކު ރާއްޖެއަށް މި ހިދުމަތް ދިރާގުން ތައާރަފްކުރިއެވެ. ޖެހިގެން އައި އަހަރު ވަނީ މޯބައިލް ފޯނުގެ ޚިދުމަތް ތައާރަފްކޮށްފައެވެ. އަދި 2008 ވަނަ އަހަރު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100% މޯބައިލް ކަވަރޭޖް ފޯރުކޮށްދިނުމަކީވެސް ދިރާގުގެ ތާރީޚުގައި ހާސިލުކުރި ބޮޑު ކާމިޔާބީއެވެ. މިއަދު ދިރާގަކީ ރާއްޖޭގައި އެންމެ ގިނަ ކަސްޓަމަރުން ހިމެނޭ ނެޓްވާރކެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގު ފައިބަރ ބްރޮޑްބޭންޑް ހިދުމަތް ފޯރުކޮށްދީ ނިންމައި، ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ހައި ސްޕީޑް އިންޓަރނެޓްގެ ދޮރު ދިރާގުން މިހާރި ވަނީ ހުޅުވާދީފައެވެ. ރާއްޖެއާއި ސައުތު އޭޝިއަށް ފުރަތަމަ ފަހަރަށް ކޮމާޝިއަލް 5ޖީ ތައާރަފްކުރި ކުންފުންޏަކީ ދިރާގެވެ. ރާއްޖޭގެ އާބާދީ 100 އިންސައްތައަށް 5ޖީގެ ހިދުމަތް ފޯރުކޮށްދޭ ފުރަތަމަ ކުންފުންޏަކީ ދިރާގެވެ. މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ގޮންޖެހުން ބޮޑު މަސައްކަތެކެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގު ފައިބަރ ބްރޮޑްބޭންޑް ހިދުމަތް ފޯރުކޮށްދީ ނިންމައި، ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ހައި ސްޕީޑް އިންޓަރނެޓްގެ ދޮރު ދިރާގުން މިހާރި ވަނީ ހުޅުވާދީފައެވެ. ރާއްޖޭގެ އާބާދީގެ 73 އިންސައްތައަށް 5ޖީގެ ޚިދުމަތް ފާއިތުވި އަހަރުގެ ތެރޭގައި ދިރާގުން ވަނީ ފޯރުކޮށްދީފައެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ޓިއަރ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓަރ ސެންޓަރުވެސް ދިރާގުން މިހާރު ވަނީ ހުޅުވާފައެވެ. މިއީ، އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓަރ ސެންޓަރ ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަނޑެވެ. މި ސެންޓަރ މެދުވެރިކޮށް ވިޔަފާރިތަކަށް ރައްކާތެރި، ދުނިޔޭގެ ފެންވަރުގެ ކްލައުޑް ހިދުމަތްތައް ފޯރުކޮށްދީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާވާނެކަމަށް ދިރާގުން ވަނީ ވިދާޅުވެފައެވެ.
ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ރާއްޖެއަށް ގުޅާލައި ރާއްޖެއާ ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު އޮތް ކަނެކްޓިވިޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ފެށުމަކީވެސް ދިރާގުން ހާސިލްކޮށްފައިވާ މުހިންމު މައިލްސްޓޯންއެކެވެ. އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 'ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް' އެވޯޑު ދިރާގުން ވަނީ ހޯދާފައެވެ. އަދި ޒަމާނީ އައު ޚިދުމަތްތަކާއެކު އީ-ވޮލެޓް ހިދުމަތް ދިރާގުޕޭގެ އައު ޕްލެޓްފޯމް ތައާރަފްކުރުމަކީވެސް ފާއިތުވި އަހަރުގެ ތެރޭގައި ދިރާގުން ހާސިލްކުރި މުހިންމު ކަންކަމެވެ.
ދިވެހިރާއްޖޭގައި އީސްޕޯޓްސް އެހެން ހަރުފަތަކަށް ގެންދިއުމަށްވެސް ދިރާގުން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މަޝްރޫއަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ.
އިޖުތިމާޢީ ޒިންމާ އަދާކުރުމަކީ އަބަދުވެސް ދިރާގުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމެކެވެ. މީގެ ތެރޭގައި، ޝާމިލު މުޖުތަމައުއެއް ބިނާކުރުން، ކުޑަކުދިން ރައްކާތެރިކުރުމަށް ބާރުއެޅުން، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އަންހެނުން ބާރުވެރިކުރުވުން، ޑިޖިޓަލް ލިޓްރަސީ އަދި ޒުވާނުންގެ މެދުގައި ޑިޖިޓަލް ހުނަރާއި އީޖާދީ ހިޔާލު ކުރިއެރުވުން އަދި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީވެސް ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކެވެ.
ދިރާގަކީ ރާއްޖެ ޑިޓިޓަލައިޒޭޝަންއަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައިވެރިއެކެވެ. ދިރާގުގެ މި މަސައްކަތުގެ ސަބަބުން އާއިލާތަކާއި ރަހުމަތްތެރިން އެކަކު އަނެކަކާ ގުޅުވާލަދީ ގާތްކަން ދެމެހެއްޓުމަށް ވަނީ އެހީތެރިވެދީފައެވެ. ދަރިވަރުންނަށް އިލްމު އުނގެނުމުގެ އިތުރު މަގުތައް ފަހިވިއިރު، ވިޔަފާރިތައް ބައިނަލްއަގުވާމީ މައިދާނާ ގުޅުވައިދީ، ވިޔަފާރިވެރިން ބާރުވެރިކޮށް، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ވަނީ ކުރިއަރައިގެންގޮސްފައެވެ.
ކޮންމެއަކަސް 37 އަހަރުގެ މެދުކެނޑުމެއް ނެތް މަސައްކަތްތަކާއެކު ދިރާގުން ދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ދިރިއުޅުމުގެ ފެންވަރު ތަރައްގީކުރުމަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.