ޕްރައިމަރީ ހެލްތު ކެއަރ ނިޒާމްގެ ތެރެއިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 24773 މީހުން ގައިންގަޔަށް ނާރާ ބައްޔަށް ސްކްރީން ކޮށްފައިވާކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމަކީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި ސްކްރީންކޮށް ބަލިދެނެގަތުމަށާއި، ބޮޑުވަރުވިޔަނުދީ ބެލެހެއްޓުމަށް ބާރުއަޅާ، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކާއެކު މަސައްކަތްކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ހިންގޭ ޞިއްޙީ ޚިދުމަތުގެ ނިޒާމެވެ.
އެޗްޕީއޭއިން ވިދާޅުވީ އަތޮޅުތަކުގައި ޕްރައިމަރީ ހެލްތު ކެއަރ ނިޒާމް ހަރުދަނާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 11 އަތޮޅެއްގެ ޞިއްޙީ ދާއިރާގެ ގިނަ ޚިދުމަތްތެރިންނަށް ކަމާ ގުޅޭ ތަމްރީނުތައް ދީފައިވާކަމަށެވެ. އެއީ ފ، އދ، ނ، ޅ، ތ، މ، ބ، ދ، ރ، ގދ، ފުވައްމުލައް ސިޓީއެވެ.
ބާކީ ހުރި އަތޮޅުތަކުގެ ތަމްރީނުތައް 2026 ވަނަ އަހަރުގެ ފުރަތަމަ 4 މަސް ތެރޭގައި ނިންމުމަށް އެޗްޕީއޭއިން ވަނީ ރާވާފައެވެ. އަދި މިހާރު މަސައްކަތް ފަށާފައިވާ އަތޮޅުތަކުގައި އުމުރުން 35 އަހަރުން މަތީގެ މީހުން ގައިން ގަޔަށް ނާރާ ބަލިތަކަށް ސްކްރީންކޮށް އެ މައުލޫމާތުތައް ބެލެހެއްޓެމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި ސެޕްޓެމްބަރުމަހުގެ ނިޔަލަށް 11 އަތޮޅަކުން 24773 މީހުން ގައިންގަޔަށް ނާރާ ބައްޔަށް ވަނީ ސްކްރީން ކޮށްފައެވެ. މީގެ ތެރޭގައި 4461 ލޭ މައްޗަށް ދާ މީހުން ރިކޯޑް ކުރެވިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވއެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަވެ، މަރުވާ މީހުންގެ %84 އަކީ މިފަދަ ބަލިތައް ތަޙައްމަލު ކުރާ މީހުންކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ. ޚާއްސަކޮށް ރާއްޖޭގައި ކެންސަރާ ކިޑްނީ ބައްޔާއި ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން އަންނަނީ އިތުރުވަމުންނެވެ.
މިބަލިތަކަށް ހުށަހެޅެނޭ ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް ހިމެނެއެވެ. މިން ހެޔޮ ކާނާ ނުކެއުމާއި ހެލިފެލިވެނޫޅުމުގެ ސަބަބުން މިފަދަ ބޮޑެތި ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވާކަން ސިއްޙީ މާހިރުން ފާހަގަކުރައްވައެވެ. އެހެންކަމުން މިފަދަ ބޮޑެތި ބަލިތަކަށް ހުށަހެޅުމުގެ ކުރިން ނުވަތަ ބަލީގައި ބޮޑުވަރު ނުވަނީސް ބަލި ދެނެގަތުމަކީ މުހިއްމުކަމަކަށް ވެއެވެ. މިކަން ކަން ދެނެގަތުމަށް ޕްރައިމަރީ ހެލްތްކެއަރ ނިޒާމް މުހިއްމުވެއެވެ.
ޕްރައިމަރީ ހެލްތު ކެއަރ ނިޒާމް ނުވަތަ އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމު ވަރުގަދަކުރުމަށް ފަށާފައިވާ ޕްރޮގްރާމުގައި އާންމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މެޑިކަލް ހިސްޓްރީގައި ކޮންމެ ރައްޔިތެއްގެވެސް މިހާތަނަށް ކުރެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރިކޯޑުކުރެވޭނެއެވެ.
މި ޕްރޮގްރާމުގެ ދަށުން ސިއްޙީ ޚިދުމަތްތެރީން ގޭގެއަށް ޒިޔާރަތްކޮށް، ސިއްޙީ މަޢުލޫމާތު ފޯރުކޮށް، އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި، އިބްތިދާއީ ސިއްޙީ ނިޒާމަކީ ރައްޔިތުންނާއި ގާތުން ހަމަހަމަކަމާއެކު ސިއްޙީ ޚިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމެކެވެ.