ޚަބަރު

ފްލެޓް ލިބޭ ފައިނަލް ލިސްޓުން އުނިކުރެވޭނީ ޝަރުތު ހަމަނުވާކަން ޔަޤީން މީހުން: ވަޒީރު ޑރ.މުއްޠަލިބް


  • ދާއިމީ ލިސްޓް އާންމު ކުރީ އޭސީސީން މަސައްކަތް މަޑުޖައްސާލަން ބުނެފައި ވަނިކޮށް

  • އޭސީސީން ބުނެފައިވަނީ ގިނަބައެއްގެ ޝަރުތު ހަމަނުވާ ކަމަށް

ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ 4000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ފައިނަލް ލިސްޓަކީ ކުރީ ސަރުކާރުން އިއުލާންކުރި ލިސްޓު ކަމަށާއި އެ ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަގީންވާ މީހުން އެކަނި ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން އެ ފްލެޓުތަކުގެ ބައެއް ވިއްކަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

ފްލެޓުތައް ވިއްކަން ސަރުކާރުން މަސައްކަތް ކުރަމުންދާ ވާހަކަތައް ދޮގު ކުރައްވައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ 4000 ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓަކީ 15 ނޮވެމްބަރު 2023ގައި އިއުލާން ކޮށްފައިވާ ލިސްޓު ކަމަށެވެ. މި ސަރުކާރުންވެސް އަމަލުކުރާނީ އެ ލިސްޓާއެކު ކުރެވުނު އިއުލާނާ އެއްގޮތަށް ކަމަށާއި ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަޤީން ކުރެވޭ ފަރާތްތައް އެކަނި ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ގެޒެޓު ކޮށްފައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެ ލިސްޓަށް އައު ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށްވެސް ގެދޮރުވެރިކަމާބެހޭ ވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވިއެވެ.


ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައި ދާއިމީ ލިސްޓު ނެރުނީ ކުރީ ސަރުކާރުންނެވެ. ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާ 2023 ނޮވެމްބަރު 15ގައި ނެރެފައިވާ ލިސްޓަކީ، ގިނަ ޝަކުވާތަކަކާ ގުޅިގެން އޭސީސީން އެ މަސައްކަތް މަޑުޖައްސާލުމަށް އަންގާފައިވަނިކޮށް ނެރެފައިވާ ލިސްޓެކެވެ. އޭސީސީން އޭރު ހާމަކުރިގޮތުގައި ލިސްޓުގެ ގާތްގަނޑަކަށް %70 މީހުން ފްލެޓަށް ޝަރުތުހަމަނުވެއެވެ.

މިސަރުކާރުން ވަނީ އޭސީސީގެ ލަފަޔާއެކު ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ މައްސަލަ ބައްލާފައެވެ. އެގޮތުން، ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 2180 މީހުން ޝަރުތު ހަމަނުވާކަމަށް އެ ކޮމިޓީންވެސް ނިންމިއެވެ. ސަރުކާރުން ކުރިއަށްގެންދިޔަ ލިސްޓް އިވެލުއޭޝަން މަސައްކަތުގައި 4939 ފޯމު ބަލާފައިވެއެވެ.

ލިސްޓުގައި މައްސަލައެއް ނެތި، ޝަރުތު ހަމަވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ. އެގޮތުން، މި މަހުގެ 15ވަނަ ދުވަހާ ހަމައަށް 3000 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު 600 އެއްހާ މީހުން ވަނީ ސެކިއުރިޓީ ޑިޕޮޒިޓް ދައްކާފައެވެ. އަދި މިހާރު ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްވެސް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ފަށައިފައެވެ.