ރަށެއްގެ އިޙްތިޞާސުން ފަޅުރަށެއް ވަކިކޮށް ރިސޯޓް ތަރައްޤީކުރާނަމަ އޭގެ މަންފާ ކައުންސިލްތަކަށް ލިބޭގޮތަށް، ޤަނޫނަށް ބަދަލު ނުގެނެސް ޤަވައިދުގެ ތެރެއިން އެކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮޅުމަޑުލު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި، އެރަށުގެ އިޙްތިޞާސުގައި އޮތް ފަޅު ރަށް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޤާނޫނު މިހާރު އޮންނަގޮތުން އިޙްތިޞާސްގައި އޮންނަ ރަށެއްގައި ރިސޯޓް ތަރައްޤީކޮށް ނުހިންގޭނެކަމަށެވެ. ނަމަވެސް ސިޓީ ހޮޓާ ނުވަތަ ގެސްޓް ހައުސް ވިޔަފާރިއަށް އެފަދަ ރަށްތައް ދޫކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން އެދިގެން އެރަށްރަށުގެ އިޚްތިޞާސުން ވަކިކޮށް، މިހާރުވެސް ތަރައްޤީކުރަން ދީފަވާކަމަށެވެ. އަދި އޭގެސަބަބުން ވަޒީފާއާއި އިޤްތިޞާދީ މަންފާތައް ރަށަށް ވަލިބުނު ނަމަވެސް ރިސޯޓު ތަރައްޤީކުރަން ދޭ ރަށްތަކުން ކައުންސިލަށް، މަންފާއެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުން މުހިއްމުކަމަށް ވިދާޅުވިއެވެ.
"މި ރަށުގެ އިޙްތިޞާސުގަވެސް ދެ ރަށް އެބައޮތް. ޤާނޫނު ބުނަނީ އިޙްތިސާސުގައި ބާއްވައިން ރިސޯޓް ތަރައްޤީނުކުރެވޭނެކަމަށް. ކައުންސިލުން ތަކަށް ފައިދާއެއް ލިބިދޭނެގޮތަށް ބަދަލުކުރެވިދާނެތޯ، އެކަމާމެދު ގޮތެއް ނުނުނިމި އޮތީ. އުސޫލަށް ބަދަލުގެނެސް، ކައުންސިލްތަކަށް މަންފާއެއް ލިބޭނެ ގޮތް ހަދޭތޯ އޮތް ފުރުޞާތު ދަނި ބަލަމުން." ރައީސް ވިދާޅުވިއެވެ.
އޮމަދޫގެ ތަރައްޤީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ ރަށަށް އެންމެ މުހިމުވެފަވާ، ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށް އެކަން ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އެ މަސައްކަތް ނުނިމުއޮތީ ސަރުކާރުން ފައިސާ ނުދީގެން ނޫންކަމަށެވެ. އެހެންކަމުން އެ މަސައްކަތް ސަރުކާރު ކުންފުންޏަކާ ހަވާލުކޮށްގެން އަވަސްކުރައްވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ހުއްޓިފަވާ ސްކޫލްގެ މަސައްކަތްވެސް އަވަސްކޮށް، އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ނިންމަވާނެކަމަށް ވިދާޅުވިއެވެ.
މަގުހެދުމުގެ އެއްބަސްވުމުގައި މިދަތުރުގައި ސޮއިކޮށްފަވާއިރު، އެމަސައްކަތުފެ ޑިޒައިން ނިމި، ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށާއި ރަށުގެ ފުޓުބޯޅަ ދަނޑުގެ ޓާފް ބަދަލުކޮށް، ލައިޓް ހަރުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވޮލީ ކޯޓްވެސް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އޮމަދޫގައި އިތުރު މިސްކިތެއް ތަރައްޤީކުރުމާއި ސިއްޙީ މަރުކޒުގެ ޖާގައިގެ މައްސަލަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހައްލުކޮށްދެއްވައި، ރައީސް ވިދާޅުވީ އަހަރު ނިމުމުގެ ކުރިން އެމްބިއުލާންސްއެއްވެސް ލިބޭނެކަމަށެވެ. އަދި ބަނދަރުގެ ހުޅަނގު ސަރަޙައްދުގައި ނެރެއް ކަނޑައިދޭން ކައުންސިލުން އެދުނުގޮތަށް އެކަން ކުރެވޭނެ ގޮތެއްވެސް ބައްލަވާނެކަމަށެވެ.