ޓުއަރިޒަމް

ބޮޑެތި ބަދަލުތަކަކާއެކު ޑެސްޓިނޭޝަން މޯލްޑިވްސް ނެރެނީ


2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ނެރެމުން އަންނަ ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑް، އަންނަ އަހަރު ބޮޑެތި ބަދަލުތަކަކާއެކު ނެރުމަށް ފީލް އިންވެސްޓްމެންޓާއި ޙަވާލުކޮށް، އެ މަޝްރޫޢު އިފްތިތާޙްކޮށްފިއެވެ. 

ޑެސްޓިނޭޝަން މޯލްޑިވްސް 2017 ގެ މަޝްރޫޢު އިފްތިތާހްކޮށްދެއްވީ ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރުގެ ނައިބު ހުސައިން ލިރާރުއެވެ. ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ރާއްޖެއާބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް 10 ބަހަކުން ޝާއިޢުކޮށްގެން ކޮންމެ އަހަރަކު ނެރޭ މެގަޒިނެކެވެ. އަންނަ އަހަރުގެ މެގަޒިންގެ ހާއްސަ އެއް ކަމަކީ މިމެގަޒިންގައި ކިއުއާރު ކޯޑު ހިމަނާފައިވުމެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރުގެ ނައިބު ހުސައިން ލިރާރު ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީ އަކީ ފަރުދީގޮތުންވެސް ދިވެހިންނާއި ގުޅި ލާމެހިފައިވާ އިންޑަސްޓްރީއެއް ކަމަށެވެ. އަދި މި އިންޑަސްޓްރީއަށް ލޮޅުން އަރުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށާއި އެފަދަ ކޮންމެ ކަމަކުން ރާއްޖޭގެ އިޤްތިސާދުގެ އިތުރުން އަމިއްލަ ފަރުދުންގެ ދިރިއުޅުމަށްވެސް އަސަރުތައް ކުރަމުންދާކަމަށް ލިރާރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން އެބަޖެހޭ ރާއްޖޭގެ ރީތިކަމާއި ރާއްޖޭގެ އަމްނު އަމާން ކަމާ ރާއްޖޭގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަން މާކެޓްކުރަން. އަޅުގަނޑުމެން ނަމޫނާ ދައްކަންޖެހޭ. މިއަދުގެ ހަޤީގަތަކީ އަޅުގަނޑުމެންގެ ވަށައިގެންވާ ކޮންމެ ގައުމަކީ ވެސް އަޅުގަނޑުމެންގެ ކޮމްޕެޓިޓަރއެއް. މިއަދު ދުނިޔޭގެ ޓްރެވަލިންގ ދާއިރާގައި ނޫނީ ޓޫރިސްޓުންގެ ގޮތުގައި މިއުޅޭ ވަން ބިލިއަން މީހުންނަށް ފައިޓް ނުކުރާ ގައުމެއްނެތް." ހުސައިން ލިރާރު ވިދާޅުވިއެވެ. 

ރޭގެ ރަސްމިއްޔާތުގައި ވަނީ ފީލް ޑެސްޓިނޭޝަންގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއްވެސް ލޯންޗު ކޮށްފައެވެ. މި އެޕްލިކޭޝަން ލޯންޗް ކޮށްދެއްވީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދުއެވެ.