ތިމާވެށި

ފުނަދޫއާއި ރަސްދޫގެ ފެނުގެ ނިޒާމް ޑިޒައިންކުރަން ހަވާލުކޮށްފި


ށ. ފުނަދުއާއި އއ. ރަސްދޫގެ ފެނުގެ ނިޒާމްގެ ޑިޒައިން ކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީއާ ޙަވާލުކުރައްވައިފިއެވެ. ށ. ފުނަދުއާއި އއ. ރަސްދޫގެ ބޯފެނުގެ ނިޒާމް ޤާއިމްކުރެއްވުމަށް ކުރަންޖެހޭ ސާރވޭއާއި ޑިޒައިންގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރެއްވީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން ކުރާ ގޮތަށެވެ. ފެނުގެ ނިޒާމްގެ ޑިޒައިންގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށްފަހު މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ފެނުގެ ޑިޒައިންގެ މަސައްކަތަކީވެސް ވަރަށް ގިނަ ފައިސާ ޚަރަދުވާ މަސައްކަތެއްކަށާއި، އެންޑަބްލިޔުއެސްސީގެ ސީއެސްއާރުގެ ދަށުން މިކަން ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އަދި މިކަމަކީ ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުންވެސް ބައިވެރިވެ، މަސައްކަތްތައް އަވަހަށް ނިންމެވުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

"މީ އެބޭފުޅުންގެ ސީއެސްއާރުގެ ދަށުން ކޮށްދޭ ވަރަށް މުހިއްމުކަމެއް. އަޅުގަނޑު ޤަބޫލް ކުރާ ގޮތުގައި މި މަސައްކަތް އެބޭފުޅުން ވީހާވެސްއަވަހަކަށް ފަށްޓަވައިދެއްވާ މި މަސައްކަތް މިއަހަރުގެތެރޭގައި، ނޫނީ މިއަންނަ އަހަރު ކުރީކޮޅުގައި މަސައްކަތް ނިންމަވައި ދެއްވުމަކީ އެއީ އަޅުގަނޑުމެން ވަރަށްބޮޑަށް އެދޭ ކަމެއް. ދެން މިގޮތަށް ސީއެސްއާރުގެ ދަށުން މިކަން ކުރެވޭ ޕްރޮޖެކްޓްތަކަކީމިއީ ވަރަށް ބޮޑެތި އަދަދުން ފައިސާދާ ކަމެއް. އާންމުގޮތެއްގައި ފެނުގެ މަސައްކަތުގެކޮންސަލްޓަންސީއަކީ ވަރަށް ބޮޑެތި އަދަދުން ފައިސާ ޚަރަދު ވާކަމެއް" މިނިސްޓަރ ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެކުންފުނިން ޕްރޮޖެކްޓް ތަން ހިންގާ ހުރިހާ ރަށެއްގައިވެސް އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންތައް އެކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކޮށްދީފައިވާނެކަމަށެވެ. ފަޒުލް ވިދާޅުވީ، އެ ދެ ރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރެއްވުމަށް ކުރައްވާ ސާރވޭއާއި ޑިޒައިންގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. އަދި މިމަސައްކަތް ވިހާވެސް އަވަހަށް ނިންމައި ސަރުކާރާ ޙަވާލުކުރާނެކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

" އަޅުގަނޑު ފާހަގަކޮށްލަން އަޅުގަނޑުމެންނަށް ފާއިތުވި ހުރިހާ ޕްރޮޖެކްޓް ތަކެއްގައިވެސް ކައުންސިލުން އެދިފައި ހުރި އެދުންތައް ސީއެސްއާރުގެ ގޮތުގައި އަޅުގަނޑުމެން ވާނީ ފޯރުކޮށްދީފައި. އެއީ ދަނޑު އެއްވަރުކުރުން ކަމުގައި ވިޔަސް ނޫނިއްޔާމު އެހެން މަސައްކަތްތަކެއް ވިޔަސް އަޅުގަނޑުމެންނާ ޙަވާލުކުރި ކަމެއް ވިއްޔާ ހިލޭސާބަހަށް އެމަސައްކަތެއް އަޅުގަނޑުމެން ވާނީ އެރަށެއްގެ ރައްޔިތުންނަށް ކޮށްދީފައި. ހަމަ މިގޮތުން މިއަހަރު ތެރޭގައި އަޅުގަނޑުމެންގެ ސީއެސްއާރުގެ ގޮތުން ދެ ޕްރޮޖެކްޓަކާ މި ޙަވާލުވީ ފެން ޑިޒައިންކުރުމަށް. މިނިސްޓަރ ފާހަގަ ކުރެއްވި ގޮތަށް ހަމަ މި ދެރަށުގެ ފެނުގެ ނިޒާމްގެ ކަންތައްތައް އަޅުގަނޑުމެން ޑިޒައިންކޮށް ވީހާވެސް އަވަހަކަށް ޙަވާލުކުރާނެ ކަމުގެ ޔަޤީންކަން އެންވަޔަރުމަންޓް މިނިސްޓްރީގެ ބޭފުޅުންނަށާއި ޙާއްޞަކޮށް މިނިސްޓަރަށް އަރުވަން" ފަޒުލް ވިދާޅުވިއެވެ.  

މި ދެރަށުގެ ފެނުގެ ނިޒާމްގެ ޑިޒައިންގެ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ނިމޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.