ޓުއަރިޒަމް

ނިޔާމަ ރިސޯޓް ހިންގާ ރަށް 23.3 މިލިއަން ޑޮލަރަށް ވިއްކާލަނީ


"ޕަ އެކުއަމް ނިޔާމަ" ހިންގާ ދ. އެނބޫދޫފުށި- އޮޅުވެލީގެ ހެޑްލީސް ރައިޓްސް 23.3 މިލިއަން ޑޮލަރަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެމްޓީޑީސީން ވިއްކާލުމަށް ނިންމައިފިއެވެ.

އެނބޫދޫފުށި- އޮޅުވެލި، ސަރުކާރުން އެމްޓީޑީސީއަށް ދޫކޮށްފައި އޮތް މުއްދަތުގެ ތެރެއިން ބާކީ އޮތް 15 އަހަރުގެ މުއްދަތަށް ވިއްކާލުމަށް ނިންމާފައިވަނީ، އެރަށަށް އިންވެސްޓްކޮށް ރިސޯޓެއް ތަރައްޤީކޮށް، މިހާރުވެސް ހިންގަމުން ގެންދާ އޯ ޕްލަސް އީ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑަށެވެ. 

ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޝުޖާޢު ވިދާޅުވީ، ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ގިނައަދަދެއްގެ ފައިސާ މިއަހަރުގެ ތެރޭގައި ދެއްކުމަށް ސަރުކާރުން އަންގަވާފައި ވާކަމަށެވެ. އެހެންކަމުން ކުންފުނީގެ ދެރަށެއް މިއަހަރު ވިއްކާލައި، ކުންފުނީގެ ވިޔަފާރީގެ މޮޑެލް މުޅިން ބަދަލުކޮށްލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާކަމަށް ޝުޖާޢު ވިދާޅުވިއެވެ. އެގޮތުން އެނބޫދޫފުށި- އޮޅުވެއްޔަކީ ކުންފުނިން ވިއްކާލާ ފުރަތަމަ ރަށްކަމަށް ޝުޖާޢު ވިދާޅުވިއެވެ. 

ޝުޖާޢު ވިދާޅުވީ އެރަށަށް އިންވެސްޓްކޮށް މިހާރުވެސް ރަށުގައި ރިސޯޓެއް ހިންގަމުން ގެންދާ ކުންފުންޏަށް ހެޑްލީސް ރައިޓްސް ވިއްކާލުމަށް ނިންމީ އެކުންފުނިން އެރަށަށް ކޮށްފައިވާ ބޮޑު އިންވެސްޓްމެންޓްގެ ސަބަބުންނާއި، އެމްޓީޑީސީއަށް އެންމެ ފައިދާވާނެ ގޮތަކީ މިހާރުވެސް ރަށް އޮޕަރޭޓްކުރާ ފަރާތަށް ވިއްކާލުން ކަމުގައި ވާތީކަމަށެވެ.

" އަޅުގަނޑު ދެކޭގޮތުގަ ލިބިފައި މި އޮތް މުއްދަތާއި ބަލާފައި ރަށަށް ހޯދޭނެ އެންމެ ރަނގަޅު އަގުގައި އަޅުގަނޑުމެން ހެޑްލީސް ރައިޓްސް މި ވިއްކާލަނީ. ވިއްކާލުމުގެ ނަތީޖާ އަކަށް ވާނެކަމަށް އަޅުގަނޑުމެން މިދެކެނީ ވިއްކާލައިގެން ސަރުކާރަށް މިހާރަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި، ހަމައެއާއެކު އެމްޓީޑީސީގެ އަމިއްލަ ރަށްތަކެއް ތަރައްޤީކޮށް ޑިވެލޮޕްކުރަން ފެށުން. އަޅުގަނޑުމެން އުންމީދު މިކުރަނީ މިރަށް މިއަގަށް ވިއްކާލެވުމާއެކު އިރާދަކުރެއްވިޔާ އެމްޓީޑީސީގެ އަމިއްލަ ރަށެއް ޑިވެލޮޕްކުރަން ފެށޭނެކަމަށް މިއަހަރު ތެރޭގައި." ޝުޖާއު ވިދާޅުވިއެވެ.

އެމްޓީޑީސީން އެކުންފުނީގެ ވިޔަފާރީގެ މޮޑެލް ބަދަލުކޮށް ރަށްތައް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ މޮޑެލްއަށް ކުންފުނީގެ ވިޔަފާރި ބައްޓަންކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ތަރައްޤީކުރެވޭ ފުރަތަމަ ރަށުގެ މަސައްކަތް މިއަހަރު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޓީޑީސީން ބުނެއެވެ. އެކުންފުނިން ވިއްކާލުމަށް ނިންމާފައިމިވާ ދ. އެނބޫދޫފުށި- އޮޅުވެލީގައި މިހާރުވެސް ދަނީ ފަސްތަރީގެ ރިސޯޓެއްކަމަށް ވާ ޕަރ އެކުއުމް ނިޔާމަ ހިންގަމުންނެވެ.